ޚަބަރު

މެންބަރުކަން ކޮށްފައިވާ މީހުންގެ މާލީ އިނާޔަތް އިތުރު ކުރަން ޔާމީން ބިލު ހުށަހަޅުއްވައިފި

އިބްރާހިމް ޒަކީ

1

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް، ދޭން ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ އިނާޔަތްތައް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހަޅާ އިސްލާހެއްގެ ގޮތުގައި މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ، ވެލިދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޓީގެ ނައިބު ރައީސް އަބްދުﷲ ޔާމީން ރަޝީދެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ، އަށްވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އަދި (ރ) އަށް މި ބިލުގައިވަނީ، އިސްލާހު ހުށަހަޅައިފައެވެ.

އެ ގާނޫނުގެ އަށްވަނަ މާއްދާގެ (ހ) ގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އެއްދައުރު، އަދާކޮށްފައިވާ ކޮންމެ ބޭފުޅަކަށް، މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައިގެ ތިރީސް ޕަސެންޓް ދައުލަތުން ދޭން ޖެހޭކަމަށް ބުނެފައިވާއިރު، ހުށަޅާފައިވާ އިސްލާހު ގައި ވަނީ މުސާރައިގެ ތެރެއަށް މާލީ އިނާޔަތްތައް އިތުރު ކުރުމަށް ހުށަހަޅައިފައެވެ. އެގޮތުން މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރަ އާއި މާލީ އިނާޔަތްތަކުގެ ތިރީސް ޕަސެނެޓް އެފަދަ މީހަކަށް ދައުލަތުން ދޭން ޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ގާނޫނުގެ އަށްވަނަ މާއްސާގެ (ށ)ގައި ދެ ދައުރު މަޖިލިސް މެންބަރުކަން ކޮށްފައި ހުންނަ ބޭފުޅަކަށް، މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައިގެ ސާޅީސް ފަސް ޕަސެންޓް ދޭން މިހާރު ކަނޑައަޅާފައިވާއިރު، އެބަޔަށްވެސް އިސްލާހު ހުށަހަޅާފައިވަނީ މުސާރައިގެ އިތުރުން މެންބަރަކަށް ލިބޭ މާލީ އިނާޔަތްތަކުގެ ސާޅީސްފަސްޕަސެންޓް ދައުލަތުން ދޭން ޖެހޭނެކަމަށް ގާނޫނުގައި ކަނޑައެޅުމަށެވެ.

ގާނޫނުގެ 8ވަނަ މާއްދާގެ (ނ) ގައި މިހާރު ބުނެފައިވަނީ މެންބަރުކަން ކޮށްފައިވާ މީހަކަށް ކަނޑައަޅާފައިވާ މާލީ އިނާޔަތް ދޭންވާނީ އެ މީހަކު މެންބަރުކަމުން ވަކި ވިޔަސް އުމުރުން 55 އަހަރު ފުރުމުންކަމަށެވެ. އޭގެ ބަދަލުގައި، މެންބަރުކަމުން އެމީހަކު ވަކިވާ ހިސާބުންފެށިގެން މާލީ އިނާޔަތްތައް ލިބެންޖެހޭނެ ކަމަށް ގާނޫނުގެ އެބަޔަށް ހުށަހަޅާފއިވާ އިސްލާހުގައި ބުނެފައިވެއެވެ

ގާނޫނުގެ އަށްވަނަ މާއްދާހެ (ރ) ގައި ބުނެފައިވަނީ، ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާނަމަ އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި އިނާޔަތް ނުލިބޭނެ ކަމަށެވެ.

ބިލުގައި ވަނީ އެ މާއްދާ ގާނޫނުން އުނިކުރަން ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅަކަށް އިނާޔަތްތައް އިތުރަށް ހަމަ ޖެއްސުމަށް މިހާރުވެސް މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ އެބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟