ގޭގައި ތިބެގެން މެމޯގެ ހެއްދޭ އިންތިޒާމު ހަމަޖައްސައި، އިސްރަށްވެހިންނަށް ހާއްސަ ކުލިނިކެއް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފިއެވެ.
އިސްރަށްވެހިންގެ ކުލިނިކު ހުޅުވުމަށް އައިޖީއެމްއެޗުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، އިސްރަށްވެހިންނަށް ހާއްސަ ކުލިނިކެއް ހުރުމަކީ، އެ މީހުން ޒަމާންތަކެއް ވަންދެން ކުރަމުން އައި އުންމީދެއް ކަމަށެވެ. މިއަދު އެ އުންމީދު ހަގީގަތަކަށް ބަދަލުވެފައިވާ ކަމަށް ހަލީލު ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ އިސްރަށްވެހިންގެ ކުލިނިކުގެ ހިދުމަތާއެކު އިސްރަށްވެހިންނަށް ހާއްސަ ސަމާލުކަމެއް ދީ، އެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އިތުރު މަސައްކަތްތަކެއް ސަރުކާރުން ފަށާނެ ކަމަށެވެ. އެގޮތުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އިސްރަށްވެހިންގެ ކުލިނިކެއް ހުޅުވުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި އެ ދާއިރާއިން ތައުލީމު އުނގެނެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާ ގުޅިގެން، ހާއްސަ މޮޑިއުލްތަކެއް ތައްޔާރުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާ ކަމަށް ހަލީލު ވިދާޅުވިއެވެ.
މިއީ ރާއްޖެއަށް މުޅިން އާ ފަންނަކަން ވެގެންދާނެ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.