ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ފެހެންދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިކަމުގައެވެ.
މިގޮތުން، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފެހެންދޫ ސްކޫލު ދަރިވަރުން ކޮންމެ ދުވަހަކު ސްކޫލަށް ދިއުމަށް އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ހަމަޖެހިފައި ނެތުންކަން ފާހަގަ ކުރައްވައި މީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވުމަށާއި، ރަށުގައި އެކަށީގެންވާ ފެންވަރުގެ މިސްކިތެއް އިމާރާތްކޮށްދެއްވުމަށް ކައުންސިލުން ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.