ޚަބަރު

ރައީސް މުއިއްޒު، ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުއްވައިދެއްވައިފި

އައިޝަތު އަފްޝަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ކާގޯ ޓާމިނަލް ހުޅުއްވައިދެއްވައިފިއެވެ.

އާ ކާގޯ ޓާމިނަލް ހުޅުވީ މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިތުރު ކެބިނެޓު މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފު ވިދާޅުވީ އާ ކާގޯ ޓާމިނަލަކީ ޒަމާނީ ފެންވަަރަށް ހަދާފައިވާ އިމާރާތެއް ކަމަށާއި އެތަން ހަދާފައިވަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށެވެ.

އެގޮތުން، ކުރީގެ ކާގޯ އިމާރާތަކީ މީގެ 40 އަހަރު ކުރިން ހަދާފައިވާ އިމާރާތެއް ކަމުން ޒަމާނީ ފެންވަރަށް އެ ތަނުން ހިދުމަތް ނުދެވޭ ކަމަށެވެ. އަދި އެ ޓާމިނަލުގެ ކެޕޭސިޓީއަކީ އަހަރަކު 50 ޓަނު ނަމަވެސް ކެޕޭސިޓީއަށްވުރެ އިތުރަށް 75 ޓަނަށް ހިދުމަތް ދެމުން ދިއުމުގެ ސަބަބުން ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.

އާ ކާގޯ ޓާމިނަލަކީ އަހަރެއްގެ މައްޗަށް 120،000 ޓަނުގެ ކެޕޭސިޓީއަށް ހިދުމަތް ދެވޭނެ ގޮތަށް ހަދާފައިވާ ޓާމިނަލެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މިއަދު މި ހުޅުވޭ އާ ކާގޯ ޓާމިނަލަކީ އަޅުގަނޑުމެންގެ އިގުތިސާދުގެ އެންމެ މުހިންމު ބައި ކަމަށްވާ އިމްޕޯޓް އެކްސްޕޯޓުގެ ވިޔަފާރި، ރަނގަޅު ފެންވަރެއްގެ ހިދުމަތް ދޭ ތަނަކަށް ވެގެންދާނެ ތަނެއް. މިކަމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާތަކެއް ލިބޭނެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ސަރަހައްދީ ފެންވަރެއްގައި ފާހަގަކުރެވޭ ތަނަކަށް ހެދުމަށް މަގުފަހި ވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ކާގޯ ޓާމިނަލް ހުޅުވީ ތިން ބުރީގެ އޮފީސް އިމާރާތަކާވެސް އެކުގައެވެ.

އާ ކާގޯ ޓާމިނަލުގެ މަޝްރޫއަކީ ވީއައިއޭ ތަރައްގީކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ ތެރެއިން ހިންގި މަޝްރޫއެކެވެ. ކާގޯ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައެވެ.