ޚަބަރު

ފުރުސަތު ލިބިއްޖެޔާ 2023 ގައި ރައީސް ކަމަށް ކުރިމަތިލާނަން: މޫސަ

މަރިޔަމް ޝަހުދާ

ފުރުސަތު ލިބިއްޖެ ނަމަ 2023 ވަނަ އަހަރު ވެރިކަމަށް ކުރިމަތި ލައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު (ރީކޯ މޫސަ) ވިދަޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވަން ބޭނުންވަނީ ޕާޓީއެއްގެ ތެރެއިން ކަމަށެވެ.

ވެރިކަމަކީ ވަކި ރަށެއްގެ މީހަކު، ވަކި ވައްތަރެއްގެ ޑިގްރީއެއް ނަގައިގެން ކުރަންޖެހޭ ކަމެއްނޫން ކަމަށާއި ނަމަވެސް އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު ދައުލަތަށް އަމާނާތްތެރިވެ، ވައްކަން ނުކޮށް ކުރާކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އެގޮތަށް ކަންކުރާނަމަ ރައްޔިތުން ބަލައިގަންނާނެކަމަށާއި، ވެރިކަމަށް ކުރިމަތި ލުމުގެ ފިކުރު އޮންނަ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ކޮންމެ މީހަކުވެސް އިހުސާސު ކުރާކަންކަމާއި ގައުމަށް ދެކެން ބޭނުންވާ ކަންކަން ހުންނާނެ ކަމަށެވެ. އަދި އެކަން ވުމަކީ ކޮންމެ މީހަކުވެސް އެދޭނެ ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ. މީގެ އިތުރުން ޓެރަރިޒަމް ފަދަ، ގައުމަށް ނުރައްކާތެރިކަން ހުރި ކަންކަމުން ގައުމު ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަކީ ކުރަން ބޭނުން ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ.

އަދި ވެރިއަކަށް ވާން ވިސްނާނަމަ ކަންކަމާ އަޅާ ލެވެން ވާނެކަމަށާއި، ކަން ހިނގަން އޮންނަ އުސޫލުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމުގެ ޒިންމާ ނެގެން ޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.