އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އަންނަ މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެ ދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއެކު ޕާޓީގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާނެ ކަމަށެވެ.
"މި ދާއިރާތަކުގެ ޕްރައިމަރީ އޮންނާނީ 03 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރަކަށް، ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ މަޖިލިސް ޓިކެޓު ވަނީ ކަށަވަރުކުރެވިފައެވެ. އެ މެންބަރުންނަށް ޓިކެޓު ކަށަވަރުވެފައިވަނީ ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ.
އެމްޑީޕީން ބުނެފައިވަނީ ޕްރައިމަރީއަކާ ނުލައި 36 މީހަކަށް އެ ޕާޓީގެ ޓިކެޓު ކަށަވަރުވެފައިވާ ކަމަށެވެ.
އެމްޑީޕީން އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.