ރާއްޖެއަށް ދަތުރުކުރުމަށް ފަހު އިންޑިއާއަށް ދިޔަ އަންހެނެއްގެ ފަރާތުން، އިންޑިއާގައި ފެތުރެމުންދާ ކޮވިޑުގެ އާ ވޭރިއެންޓެއް ފެނިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާއަކީ މިދިޔަ މަހު ރާއްޖެ އައިސް އެނބުރި ދިޔަ މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށާއި އެޔަށް ފަހު ޖީނޯމް ޓެސްޓު ތެދުމަށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އައިމްސް)އަށް ފޮނުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭނާ ޕޮޒިޓިވް ވެފައި ވަނީ ޖޭއެން-1 ސަބް ވޭރިއެންޓަށް ކަމަށް އެ ގައުމުގެ އިންޓަގްރޭޓެޑް ޑިޒީސް ސަވެއިލެންސް ޕްރޮގްރާމް (އައިޑީއެސްޕީ) ގެ ރިޕޯޓުތައް ބުނެއެވެ. އެ ވެރިއެންޓަށް ޕޮޒިޓިވްވި މީހާ މިހާރު ބަލިން ރަނގަޅު ވެފައިވާ ކަމަށްވެސް ބުންޏެވެ.
އެކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ރާއްޖޭގައި އާ ވޭރިއެންޓެއް ފެތުރެމުންދާކަން އެ އިދާރާއަށް މިހާތަނަށް މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.