ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންވެސްޓަރުންނަށް ހާއްސަ ކުންފުންޏެއް ރައީސް އުފައްދަވައިފި

ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކުންފުންޏެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، "މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުނި އުފައްދަވައިފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ އެކި ސިނާއަތްތަކުގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުންނެވެ.

"މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި އުފެއްދި ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ސަރުކާރުގެ ކުންފުންޏެކެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ރައީސް މިކުންފުނި އުފައްދަވާފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑަކީ ރާއްޖޭގެ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ ބާޒާރުތަކުން ހެޔޮ އަގުގައި ފަންޑު ސްޓްރަކްޗާތައް މެދުވެރިކޮށް، ފައިނޭންސް ހޯދުމަށް ހާއްސަކުރެވިގެން އުފެއްދެވި ކުންފުންޏެއް ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ، ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކަމަށް ބުނެފައިވެއެވެ.

އަދި ގައުމުގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި، ކުރެވޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމަށްޓަކައި، ލިބޭ ނަފާއާއި ނަގަންޖެހޭ ރިސްކުތައް މެނޭޖު ކުރެވޭފަދަ އިންތިޒާމެއް ގާއިމުކުރުމަށް ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.