ޚަބަރު

ސިފައިން ފޮނުވައިލުމާ ބެހޭ މަަޝްވަރާތައް ރާއްޖެ އާއި އިންޑިއާ ފަށައިފި

އައިޝަތު އަފްޝަން

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދިއުމާ ގުޅޭ ރަސްމީ މަޝްވަރާތައް މިއަދު ފަށައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުނޫ މަހާވަަރާއެކު އިންޑިއާގެ އެނޫންވެސް އިސްވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް މިއަދު ފޮރިން މިނިސްޓްރީގައި ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެނގިފައިވާ ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިންޑިއާގެ ހާރިޖިއްޔާގެ ފަރާތުން، އިންޑިއާކަނޑުގެ ކަންކަން ބަލަހައްޓަވާ ޖޮއިންޓް ސެޗްރެޓަރީ ޕުނީތު އަގަރްވާލް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ ވަފުދަކާއެކު މިއަދު ކުރިއަށް ދިޔަ ބައްދަލުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދުބާއީގައި ބައްދަލުކުރެއްވުމަށް ފަހު އުފެއްދެވި ހައި ލެވެލް ކޮމިޓީގެ ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު މިއަދު "ވަން" އަށް ވިދާޅުވީ އެ ބައްދަލުވުމުގެ އިތުރު ތަފްސީލު ފޮރިން މިނިސްޓްރީން އާންމުކުރާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއަދު ކުރިއަށް ގެންދިޔައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ މަޝްވަރާތަކެކެވެ.

ރާއްޖެއާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ކަންކަމާމެދު މަޝްވަރާ ކުރަން ހައި ލެވެލްގެ ކޮމިޓީއެއް އުފައްދަން ނިންމެވީ ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގެ ތެރެއިން ރައީސްއާއި ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވައެވެ.