މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގުޅުއްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.
މޭޔަރުގެ އިންތިހާބުގައި ގާތްގަނޑަކަށް 17،442 މީހުން ވޯޓުލި އިރު، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އޭގެ ތެރެއިން 44 ޕަސެންޓު ވޯޓު ހޯއްދެވިއެވެ.
އިންތިހާބުގެ ނަތީޖާއަށްފަހު ރައީސް މުއިއްޒު، އާޒިމަށް ފޯނުން ގުޅުއްވައި ވިދާޅުވީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ސިޓީ ކައުންސިލާއި މޭޔަރަށް މޭޔަރަށް ދެއްވާނެ ކަމަށެވެ.
"ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި،" އެކްސްގައި ރައީސް އޮފީހުން ކުރި ޕޯސްޓެއްގައި ބުންޏެވެ.
ޖުމުލަ ފަސް ކެންޑިޑޭޓުން ވާދަކުރި މޭޔަރުކަމުގެ ބައި-އިލެކްޝަންގައި އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރެވެ.