ޚަބަރު

ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކޮށް، މާލޭގެ މޭޔަރުކަމަށް އާޒިމް

މާލޭ ސިޓީ ކައުންސިލުގެ މޭޔަރުކަމުގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފިއެވެ.

މޭޔަރުކަމުގެ ބައި-އިލެކްޝަން އާޒިމް ކާމިޔާބުކުރެއްވި އިރު، އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކޫރެވެ.

މޭޔަރުކަމުގެ ބައި-އިލެކްޝަންގައި ދެން ވާދަކުރެއްވީ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހާއި އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ސީޕީ ހުސައިން ވަހީދާއި އަމިއްލަ ގޮތުން ވާދަކުރެއްވި ފުރަހަނި ޝުއައިބު އަލީއެވެ.

މިހާތަނަށް ގުނި ވޯޓުތަކުން އާޒިމް އިންތިހާބު ކާމިޔާބު ކުރައްވައިފިކަން ޔަގީންވެއެވެ. އެގޮތުން މިހާތަނަށް ގުނި 40 ފޮށީގެ ނަތީޖާ ދައްކާ ގޮތުން އާޒިމަށް 45 ޕަސެންޓު ވޯޓު ލިބިފައިވާ އިރު، ސަރުކާރު ކެންޑިޑޭޓް އާޒިމާއަށް ލިބިފައިވަނީ 29 ޕަސަންޓު ވޯޓެވެ. މި އިންތިހާބުގައި ބެހެއްޓީ 55 ވޯޓު ފޮއްޓެވެ. އެހެންކަމުން އެހެން ފޮށިތަކުން ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް، އާޒިމަށް ލިބިފައިވާ އަދަދާ އެއްވެސް ކެންޑިޑޭޓަކަށް ގާތް ނުކުރެވޭނެއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު، އިންތިހާބަކުން އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.