ޝަރުއީ ދާއިރާގެ ނުވަތަ ގާނޫނީ ދާއިރާގެ މަސައްކަތަށް، ތަމްރީނަކަށް ނުވަތަ ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގައި މަސައްކަތް ކުރުމަށް ފަނޑިޔާރުން ވީއްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ މިދިޔަ ބުދަ ދުވަހު "ފަނޑިޔާރުން ވީއްލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެޒެޓުކޮށްފައެވެ.
އުސޫލުގައިވާ ގޮތުން ފަނޑިޔާރުން މަސައްކަތުން ވީއްލުމުގެ މައިގަނޑު ސަބަބަކީ ފަނޑިޔާރުންގެ ޝަރުއީ އަދި ގާނޫނީ ފަންނުގެ ދާއިރާގެ ހުނަރު އިތުރުކުރުމާއި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކުރުމެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ކަމެއް ނޫން ކަމެއް ދިމާވެގެން ފަނޑިޔާރުން މަސައްކަތުން ވީއްލަން ބޭނުންވެއްޖެނަމަ، އެ ކަމެއް ހައްލު ކުރާނީ، ޖޭއެސްސީން ކަނޑައަޅާ ގޮތެއްގެ މަތިން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ. އުސޫލުގައިވާ ގޮތުން ފަނޑިޔާރުން މަސައްކަތުން ވީއްލުމަށް އެދި ހުށަހަޅަން ވާނީ ޑީޖޭއޭ އަށެވެ.
ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާ ފަނޑިޔާރު ކޯހުން ފާސް ނުވެއްޖެނަމަ ނުވަތަ ކޮމިޝަނުގެ ހުއްދަ ނެތި ކޯސް ހުއްޓައިލައިފިނަމަ ނުވަތަ ކޯހަށް ހާޒިރުނުވުން ފަދަ ސަބަބެއް މެދުވެރިވެގެން ކޯހުން ވަކިކޮށްފިނަމަ، ޖޭއެސްސީން ކަނޑައަޅާ ގޮތެއްގެ މަތިން ކޯހަށްވާ ވީއްލި މުއްދަތުގައި ފަނޑިޔާރަށް ދީފައިވާ މުސާރަ އާއި އިނާޔަތުގެ ފައިސާގެ ޖުމުލަ އަނބުރާ ދައްކަންވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް ވީއްލުމުން ފަނޑިޔާރުން، އިތުރު މުއްދަތަކަށް ހިދުމަތް ކުރަން ޖެހޭނެއެވެ.