އިއްޔެ ރާއްޖެއަށް ކުރި ވިއްސާރާގައި މާލެއަށް 159.3 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، އިއްޔެ ހެނދުނު 8:00 އިން މިއަދުގެ 8:00 އަށް މާލެ އަށް 159.3 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުލުލެއަށް 143.4 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ބުންޏެވެ.
އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ 144 ގެއަކަށް ގެއްލުންވެ، އަށް ގެއެއްގެ މީހުންނަށް ވަގުތީ ބޯކިޔާވަހިކަން ހަމަޖައްސަދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މޭނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ބުންޏެވެ.
މީގެއިތުރުންވެސް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، 91 ގެއެއްގައި ވެލި ބަސްތާ ޖަހާފައިވެއެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގެ ހަތަރު ރަށެއްގައި ފެންބޮޑުވެގެން އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫއެވެ.
މިދިޔަ އަންގާރަ ދުވަހު މެޓް އޮފީހުން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރާ ވިއްސާރައެއް ކަމަށެވެ.