މިއަހަރުވެސް ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓަކީ ރާއްޖޭގެ ޕާސްޕޯޓު ކަމަށް ހެންލީ ޕާސްޕޯޓް އިންޑެކްސް އިން ދައްކައިފިއެވެ.
އެ އިންޑެކްސް އިން ދައްކާގޮތުން ރާއްޖޭގެ ޕާސްޕޯޓު މިއަހަރު އޮތީ ދުނިޔޭގެ ރޭންކުގެ 58 ވަނައިގައެވެ. ރާއްޖޭގެ ޕާސްޕޯޓުގައި ވީސާއާ ނުލައި 94 ގައުމަކަށް ދަތުރުކުރެވެއެވެ.
މިއަހަރު ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުތަކުގެ ތެރޭގައި ހަ ގައުމެއްގެ ޕާސްޕޯޓު ހިމެނެއެވެ. އެއި ފްރާންސް، ޖާމަނީ، އިޓަލީ، ޖަޕާން، ސިންގަޕޫރު އަދި ސްޕެއިންނެވެ. އެ ގައުމުތައް އެ ލިސްޓުގެ އެއްވަނައިގައި އޮތީ ވިސާއާ ނުލައި 194 ގައުމަކަށް ދަތުރުކުރެވޭތީއެވެ.
ހެންލީ ޕާސްޕޯޓް އިންޑެކްސްއަކީ 199 ޕާސްޕޯޓެއް ހިމަނައިގެން ދޭ ރޭންކެކެވެ. އެ އިންޑެކްސް ކުރިއަށްގެންދާތާ 19 އަހަރު ވެފައިވާ އިރު، ކޮންމެ މަހަކުވެސް ލިސްޓު އަޕްޑޭޓު ކުރެއެވެ. އެ ލިސްޓުގައި މިދިޔަ އަހަރު ރާއްޖެ 61 ވަނައިގައި އޮތް އިރު، އޭގެ ކުރީ އަހަރުވެސް އޮތީ 58 ވަނައިގައެވެ.