ޚަބަރު

ރައީސް ވިދާޅުވީ ޗައިނާ ދަތުރުން ގިނަ މަޝްރޫއުތަކަށް މަގުފަހިވެއްޖެ ކަމަށް، އެދިވަޑައިގެންނެވީ އާޒިމާއަށް ވޯޓުދޭން!

ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި މާލެ އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ފައިދާ ހުރި ވަރަށް ގިނަ ކަންތައްތަކަށް މަގުފަހިވެފައިވާ ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝަކުރޫ ހޮވައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ޗައިނާގައި ހުންނަވައި، ސަންގު ޓީވީގެ "އާސްކް އާޒިމާ" ޕްރޮގްރާމަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން އެތަނުގައި ގެދޮރު ބިނާކުރުމާއި، މާލޭގެ މަގުތައް ހެދުމާއެކު ވަރަށް ގިނަ ކަންތައްތަކަކަށް ޗައިނާ ދަތުރުފުޅުން މަގުފަހިވެފައިވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ ޗައިނާ ދަތުރުން ވެސް މާލޭގެ ރައްޔިތުންނަށް އަދި ޖުމުލަކޮށް މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ފައިދާ ހުރި ވަރަށް ގިނަ ކަންތައްތަކަކަށް މަގުފަހިވެފައިވަނީ. މާލެއަށް ބަލައި އިރުގައި، މާލޭގެ ރައްޔިތުންނަށް އެންމެ މުހިންމު އެއް ކަންތައް މިއީ ހައުސިން އާއި މަގު ހެދުމުގެ މަސައްކަތް. މިކަހަލަ ވަރަށް ގިނަ ކަންތައްތަކަށް އިރާދަކުރެއްވިއްޔާ ވަރަށް މަގުފަހިވެފައިވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންކަން ރައްޔިތުންނާ ގުޅިގެން، ރައްޔިތުން އިންތިހާބުކޮށްފައި ތިބި މޭޔަރުންނާއި ކައުންސިލަރުން މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް ކަންތައްތައް ފޯރުކޮށްދޭން ބޭނުންފުޅުވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި ސަރުކާރުގެ ވިސްނުމުގައި، ސަރުކާރަށް އެއްބާރުލުން ދޭނެ އަދި ސަރުކާރުގެ މަސައްކަތްތަކަށް ފަސޭހަކޮށްދޭނެ ވިސްނުމުގެ، ރައްޔިތުންނާއެކު މަސައްކަތްކުރާނެ ބޭފުޅަކު މޭޔަރުކަމަށް ހޮވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"އެހެނެއް ނޫން، ސަރުކާރުން ރައްޔިތުންނަށްޓަކައި ހިންގާ މަޝްރޫއުތަކަކީ ކަމުނުދާ މަޝްރޫއުތަކެކޭ، ތިމަންނަމެން އެ މަޝްރޫއުތަކަށް ދެކޮޅު ހަދާނަމޭ، ރައްޔިތުންނަށް ފައިދާއެއް ނުވާނެއޭ، މި ވިސްނުމުގައި މަސައްކަތްކުރާ ޕާޓީތަކުގެ ބޭފުޅުން މިވަގުތު މާލޭގެ މޭޔަރަކަށް ހިޔާރުކުރުން އެއީ ރަނގަޅު ޗޮއިސްއަކަށް، ބުއްދިވެރި ގޮތަކަށް ވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު މިހުރީ އިރާދަކުރެއްވިއްޔާ ރެޔާއި ދުވާލު ރައްޔިތުންނަށްޓަކައި، މާލޭގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމުގައި ކުރިއަށްގެންދަން މަސައްކަތްތަކެއް ކުރަން ތައްޔާރަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލޭ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަންގައި އެމަނިކުފާނާއެކު މަސައްކަތްކުރާނެ، މި ސަރުކާރުގެ ފިކުރުގައި މަސައްކަތްކުރާނެ ކެންޑިޑޭޓެއް ހޮވުން މުހިންމު ކަމަށާއި އާޒިމާ އެގޮތުގައި މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެންކަމުން އާޒިމާއަށް ވޯޓުދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.