ރަސްމާލެއާއި ގުޅިފަޅުގެ މުނިސިޕަލް ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.
ޗައިނާގެ އެހީގައި ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ވެސް ޗައިނާއާއި ރާއްޖެއާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު "ޕީއެސްއެމް"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކީ އެއްފަހަރާ ކަމަށެވެ. އެއީ ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދަން ވެވުނު އެއްބަސްވުމެއް ނޫން ކަމަށެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ސަރުކާރުން ފަހުން ހާމަކުރާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. އެހެންވެ ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު ހެދުމަށް ބޭނުންވާ އެހީއަކީ ލޯނެއް ކަމެއް ނުވަތަ ހިލޭ އެހީ ކަމެއް ސާފުވެފައެއް ނުވެއެވެ.
ހައިދަރު ވިދާޅުވީ ރަސްމާލޭގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމާ ގުޅޭ އެއްބަސްވުންތަކެއްގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން ރަސްމާލެއަށް ބޭނުންވާ އުމްރާނީ ވަސީލަތްތަކާއި ފެނާއި ނަރުދަމާގެ ހިދުމަތާއި މަގުތައް ތަރައްގީކުރުމުގެ މަސައްކަތް އެއްބަސްވުމުގެ ދަށުން ކުރާނެ ކަމަށެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭގޮތަށް 65،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ވަނީ ނިންމަވައިފައެވެ.