ޚަބަރު

ވީއައިއޭއަށް ރެކޯޑެއް، އެއް ދުވަސް ތެރޭ 925 ފުލައިޓް މޫވްމެންޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިހާތަނަށް އެއް ދުވަސް ތެރޭގައި 925 ފުލައިޓް މޫވްމެންޓް ހަމަކޮށް، އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 925 ފުލައިޓް މޫވްމެންޓް ހަމަކޮށްފައިވަނީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. މިއީ ވީއައިއޭގެ ތާރީހުގައި މުޅިން އަލަށް ގާއިމުކުރެވުނު ރެކޯޑެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެއާއެކު ވަނީ މީގެ ކުރިން އޮތް ފުލައިޓް މޫވްމެންޓް ރެކޯޑު ކަމަށްވާ 861 ފުލައިޓް މޫވްމެންޓްގެ ރެކޯޑު މުގުރާލެވިފައި ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ މިމަހުގެ ހަވަނަ ދުވަހު 672 ސީ ޕްލޭން މޫވްމެންޓް، 104 އިންޓަނޭޝަނަލް މޫވްމެންޓް، 116 ޑޮމެސްޓިކް މޫވްމެންޓް އަދި 33 އޭޑީ-އެޗްއޯސީ މޫވްމެންޓް ރެކޯޑު ކޮށްފައިވާ ކަމަށެވެ.

"މި ތާރީހީ ކާމީޔާބު ހާސިލުކުރުމުގައި ސީ ޕްލޭން އޮޕަރޭޓާސް، އިންޓަނޭޝަނަލް އެއާލައިންސް އަދި ޑޮމެސްޓިކް އެއާލައިންތަކުން ވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްދީފަ،" އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ ވިދާޅުވީ، އެފަދަ ކާމިޔާބީއެއް ހާސިލުކުރެވުނީ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ. އެކަމަށް ސްޓޭކް ހޮލްޑަރުންނާއި އެއާލައިންތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.