ތެލެސީމިއާ ޑީއެންއޭ ޓެސްޓު އާސަންދައިގެ ދަށުން ހެދޭ ގޮތަށް ބަދަލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޑީއެންއޭ ޓެސްޓު އާސަންދައިގެ ތެރެއިން މިހާރު ހަމަޖެހިގެންދާނެ ކަމަށެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތުދިނުމަށް އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒަލް ވިދާޅުވެފައިވަނީ ތެލެސީމިއާ ވާރުތަވޭތޯ ބެލުމަށް ބައެއް މީހުން ހަދަންޖެހޭ ޑީއެންއޭ ޓެސްޓުގެ ހިދުމަތް ފޯރުކޮށްދެނީ ހަމައެކަނި އަމިއްލަ ފަރާތްތަކުން ކަމަށެވެ.
އެ ޓެސްޓު އާސަންދައިގެ ތެރެއިން ކަވަރުނުކުރާ ކަމަށާއި އެކަމުގެ ޓެސްޓު ހެދުމަށް ބައެއް މީހުން ފަސްޖެހޭ ކަމަށް ފިރުޒުލް ވިދާޅުވެފައިވެއެވެ. އެކަން ހައްލުކުރުމުގެ ގޮތުން އެ ޓެސްޓަކީ އާސަންދައިގެ ދަށުން ހެދޭ ޓެސްޓަކަށް ބަދަލުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ފިރުޒުލް ވިދާޅުވެފައިވަނީ ތެލެސީމިއާ ޕޭޝަންޓުން ހަދަންޖެހޭ ޓީޓޫ ސްޓާ ޓެސްޓު މިހާރު ހެދެން ހުންނަނީ ޕްރައިވެޓް ހެލްތު ކެއާ ނިޒާމުގެ ތެރެއިން ކަމަށާއި އެ ޓެސްޓުގެ ހަރަދު އާސަންދައިން ކަވަރުކުރި ނަމަވެސް، އެ ޓެސްޓު ހެދުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. އެ ދަތިތަކުގެ ސަބަބުން ބައެއް ފަރާތްތަކުން އެ ޓެސްޓު ނުހެދުމުގެ ސަބަބުން އިތުރު މައްސަލަތަކެއް ދިމާވާ ކަމަށް ފިރުޒުލް ވިދާޅުވެފައިވެއެވެ.
އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ޓީޓޫ ސްޓާ ޓެސްޓު ހެދުމަށް އާސަންދައިގެ ތެރެއިން އިތުރު އިޖުރާއަތެއް ފުރިހަމަކުރަން ނުޖެހޭ ގޮތަށް ހަދައިފައިވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް، ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަނެއް ނުވަތަ ހިލޭ ބޯންމެރޯ ޓްރާންސްޕްލާޓް ހެދޭނެ ގޮތް މަގުފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.