ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ހަތަރު ބިލިއަން ރުފިޔާގެ ޓީ ބިލު ވިއްކަން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން އަންނަ އާދިއްތަ ދުވަހު ހަތަރު ޓީބިލެއް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ ޓީބިލްތަކުގެ ޖުމުލަ އަގަކީ 4.3 ބިލިއަން ރުފިޔާއެވެ.
ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ސަރުކާރުން ޓީ ބިލް ވިއްކުމަށް ކޮންމެ ހަފުތާއަކު އެއް ފަހަރު ހުޅުވާލައެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެއެވެ.