ޚަބަރު

އަމީނީ މަގުގެ ފަހު ދެ ސެގްމެންޓް ހޮނިހިރު ދުވަހު ހުޅުވާލަނީ

މުހައްމަދު އިޝާން

އަމީނީ މަގުގެ ފަހު ދެ ސެގްމެންޓް ހޮނިހިރު ދުވަހު ޓްރެފިކަށް ހުޅުވާލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން މިރޭ މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ އަމީނީ މަގުގެ ފަހު ސެގްމެންޓް ޓްރެފިކަށް ހުޅުވާލާނީ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ޖަހާއިރު ކަމަށެވެ. އަދި މާދަމާ ހެނދުނު 6:00 ޖަހާއިރު އަމީނީ މަގާއި އިއްޒުދީން މަގު ގުޅޭ ޖަންކްޝަނާއި ކަނބާ އައިސަރަނި ހިނގުމާއި އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ހުޅުވާލާނެ ކަމަށް ބުންޏެވެ.

އަމީނީ މަގުގެ ފަހު ދެ ސެގްމެންޓުގައި ތާޅު އެޅުމުގެ މަސައްކަތް މިދިޔަ އާދީއްތަ ދުވަހު ވަނީ ނިންމާލައިފައެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022 ގައެވެ. އެއީ 84.4 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.