ރާއްޖެ ބޮއިކޮޓް ކުރަން އިންޑިއާ ރައްޔިތުން ގޮވާލުމަކީ މަޖާކަމެއް ނޫން ކަމަށާއި އެއީ ހިތާމަ ކުރަން ޖެހޭނެ ކަމެއް ކަމަށް އެމްޑީޕީގެ ފަރާތުން، މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން ދަނޑިކޮށި ޖަގަހައިގައި ރޭ ބޭއްވި އާޒިމްގެ ކެމްޕޭން ޖަލްސާއެއްގައި އާޒިމް ވިދާޅުވީ ރާއްޖޭ ބޮއިކޮޓް ކުރުމަށް މީގެ ކުރިން އެއްވެސް ބަޔަކު ގޮވާލާފައިނުވާ ކަމަށާއި ނަމަވެސް މިހާރު އެ މަންޒަރު ފެންނަމުންދާ ކަމަށެވެ.
އާޒިމް ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މުޅި އިގުތިސޯދު ހަލާކުވެދާނެ ކަމަށާއި ސޯޝަލް މީޑިއާއިންނާއި ޓީވީތަކުން މިހާރު އަބަދު އިވެނީ ރާއްޖެ ބޮއިކޮޓް ކުރާ ވާހަކަތައް ކަމަށް އޭނާ ވިދާޅުވިއެވެ. ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓް ހުރި ރާއްޖޭގެ ރިސޯޓުތަކަށް ނުދިއުމަށް އިންޑިއާއިން ގޮވަމުންދާ ކަމަށާއި އެއީ ރާއްޖެއަށް ލިބިގެންދާ ލަދުވެތިކަމެއް ކަމަށް ވިދާޅުވިއެވެ.
"މި މީހުން އަޅުގަނޑުމެންގެ ގައުމަށް ނާންނަން މި ވިސްނަނީ ކީއްވެ، ހަޑިމުޑުދާރު ވެރިކަމެއްގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިގެން އުޅޭ މައްސަލައެއް. ދޮގު ހަދައިގެން ވެރިކަމަށް އައިސް އަދިވެސް އޭގެން ނުނެއްޓިގެން، ދުވަހަކަށްވުރެ ދުވަހެއް ގައުމަށް ނިކަމެތިކަން ދެމުން މި މީހުން މިދަނީ،" އާޒިމް ވިދާޅުވިއެވެ.
ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތު ސަރުކާރަށް ނޭނގޭ ކަމަށާއި މި ސަރުކާރުން ގައުމަށް އެތައް ގޮތަކުން ގެއްލުންދެމުންދާ އިރު، މިކަން ސާފުކޮށް ރައްޔިތުން ބުނަން ޖެހޭ ކަމަށެވެ. މޭޔަރު އިންތިހާބުގައި ވޯޓުލާ ދުވަހަކީ އެކަން ކުރުމުގެ ފުރުސަތު ލިބޭނެ ފުރަތަމަ ފަހަރު ކަމަށް އާޒިމް ވިދާޅުވިއެވެ.