ޗައިނާގެ އިންވެސްޓަރުން ހޯދަން ރާއްޖޭން އެ ގައުމުގައި ފޯރަމެއް ބާއްވައިފިއެވެ.
ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ދާއިރާތައް ފަހިކޮށްދިނުމަށް "އިންވެސްޓް މޯލްޑިވްސް 2024"ނަމުގައި ފޯރަމް ބާއްވާފައި ވަނީ މިއަދުއެވެ. އެ ފޯރަމް އިންތިޒާމު ކުރީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ފޯރަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަގުރީރުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ އެ ފޯރަމުގެެ ޒަރީއާއިން ރާއްޖޭގެ ސަރުކާރާއި ޗައިނާ ސަރުކާރު ގުޅިގެން ކުރެވޭނެ ކަންކަމަށްވެސް އަލިއަޅުވާލާފައިވާއިރު، ވިޔަފާރިތަކަށް ކުރެވޭނެ ކަންކަމަށްވެސް އަލިއަޅުވާލި ކަމަށެވެ.
އެ ފޯރަމު ބާއްވާފައި ވަނީ ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އިއްޔެ ޗައިނާއަށް ވަޑައިގެންނެވުމަށް ފަހު ފުޖިއާން ޕްރޮވިންސްގެ ފްރީ ޓްރޭޓް ޒޯނަށް ރައީސް ޒިޔާރަތްކުރައްވާފައިވާއިރުު، ސިނަމާލޭ ބްރިޖު ހެދި ޗައިނާ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވާފައި ވެއެވެ. އަދި އެ ޕްރޮވިންސްގެ ގަވަރުނަރާ ބައްދަލުކުރައްވާފައިވާއިރު ހުނާން ކޮންސްޓަރަކްޝަން އިންސްވެސްޓްމެންޓް ކުންފުނީގެ އިސްވެރިންނާވެސް ރައީސް ބައްދަލުކުރައްވާފައި ވެއެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުންތައް ބައްވާނެ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އިޖުތިމާއީ ދާއިރާއާއި އިގުތިސާދީ އަދި ޓެކްނޮލޮޖީ ދާއިރާގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ޗައިނާގެ ބައެއް ވިޔަފާރިވެރިންނާވެސް ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.