ޚަބަރު

ފޮނުވީ ފޯޖުކޮށްފައި އޮތް ޗިޓެއް، މައްސަލަ ފުލުހަށް

މުހައްމަދު އިޝާން

ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ޕްލެޓިނިއަމް ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިތުރު މައްސަލައެއް ހުށަހެޅިކަމަށް ބުނެ "ދައުރު" ނޫހަށް ފޮނުވި ސައްހަ ނޫން ޗިޓެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ޗެމްބާސްއިން ލޯފާމުން، ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އަލީއަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ، އެ ލޯފާމުގެ ކްލައިންޓެއް ކަމަށްވާ ޕްލެޓިނިއަމް ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ މައްސަލައެއްގެ ޗިޓެއް ފޯޖުކުރިކަން، ސާމަލުކަމަށް އައިސްފައިވާ ކަމަށެވެ. ޕްލެޓިނިއަމްގެ ފަރާތުން ދައުވާކޮށްފައިވަނީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކުރޫގެ މައްޗަށް ކަމަށާއި އެ މައްސަލައިގައި ލޯފާމުން ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ވަކީލު އަހުމަދު ސަމީރު ހަމަޖައްސާފައިވާ ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެންމެ ފަހުގެ މައުލޫމާތު ހޯދަން ސަމީރަށް ގުޅުމުން އޭނާ ވަނީ މިމަހުގެ ނުވަވަނަ ދުވަހު އެ މައްސަލައިގެ ހުކުމް ޣައިރު ހާޒިރުގައި ކުރާނެ ކަމަށް ބްރީފިން ދީފައި ކަމަށެވެ. އަދި ވަނީ އެކަމުގެ ދައުވާއާއި ޗިޓެއް ލޯފާމަށް ވައިބާ ކޮށްފައި ކަމަށެވެ. ނަމަވެސް ފަހުން ސަމީރު ވަނީ އެ ދައުވާއާއި ޗިޓު ޑިލީޓް ކޮށްފައި ކަމަށް، ޗެމްބާސްއިން ބުންޏެވެ. އެހެންވެ ސަމީރާ މެދު ޝައްކު ކުރެވޭތީ މިއަދު ހެނދުނު އޮފީހަށް އައިސް އޭނާ ކޮބައިތޯ ބެލިއިރު ސަމީރު އޮފީހަށް ހާޒިރުނުވާ ކަމަށް ޗެމްބާސްއިން ބުންޏެވެ.

"ނަމަވެސް، މި މައްސަލައިގެ ކޭސް ފައިލްއާއި ޑޮކިއުމެންޓުތައް ފާމްގެ އެހެން ވަކީލުންނާއި ހިއްސާކޮށްފައި ނުވާތިއާއި ކޭހުގެ އިތުރު އަޕްޑޭޓެއް ފާމެއް ނޭނގޭތީ ފާމްގެ ލޯޔަރުން ކޯޓަށް ގުޅުމުން ކޯޓު އޮފިސަރު ވަނީ އެ ޗިޓަކީ ފޯޖުކޮށްފައިވާ ޗިޓެއް ކަމަށާއި އެ ސެކްޝަން (ބީ9)ގައި އެ މައްސަލަ ނުވެސް ނެތްކަމަށް މައުލޫމާތު ދީފަ،" ޗެމްބާސްއިން ބުންޏެވެ.

އެކަމުގެ މައުލޫމާތު ސާފުކުރަން ސަމީރަށް ގުޅުމުން އޭނާ ފޯނަށް ޖަވާބު ދީފައިނުވާ ކަމަށް ޗެމްބާސްއިން ބުންޏެވެ. އެހެންކަމުން މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދޭ ކަމަށް ބުންޏެވެ.

ސިވިލް ކޯޓުން ވަނީ އާޒިމާ، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އަށް ހަތަރު މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް މިމަހުގެ ދެވަނަ ދުވަހު ހުކުމްކޮށްފައެވެ. އެ ހުކުމަކީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީ އިން އާޒިމާ ނަންގަވާފައިވާ ތިން މިލިއަން ރުފިޔާގެ ލޯނެއް، އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނުދާ ކަމަށް ބުނެ، އެމްއައިބީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ކުރި ހުކުމެކެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ އާޒިމާގެ ޣައިރު ހާޒިރުގައެވެ.

އެ ހުކުމް ކޮށްފައިވަނިކޮށް "ދައުރު" ގައި ޝާއިއުކުރި ހަބަރެއްގައި ވަނީ ޕްލެޓިނިއަމް ރިއަލް އެސްޓޭޓުގެ ފަރާތުން އާޒިމާގެ މައްޗަށް 1.9 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފައި ކަމަށެވެ. އަދި އެ މައްސަލައިގެ ހުކުމް އާޒިމާގެ ޣައިރު ހާޒިރުގައި މާދަމާ ކުރުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

"ދައުރު" ނޫހުގެ ހަބަރާ ގުޅިގެން އާޒިމާ މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ އެ ހަބަރަކީ ކުރިއަށް އޮތް މާލެ ސިޓީ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވައި، އެ އިންތިހާބުގައި އޭނާއަށް ގެއްލުންދޭން ބަޔަކު ރާވައިގެން ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކުރައްވައި، އެމްއައިބީ އާއި "ދައުރު" ނޫހާ ދެކޮޅަށް އަބުރުގެ ދައުވާގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެފަހުން "ދައުރު"ގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އާޒިމާގެ ދައުވާއާ ބެހޭ ހަބަރުގައި ހިމަނާފައިވަނީ އިތުބާރު ހުރި މަސްދަރަކުން ލިބުނު ލިޔުންތަކުގައި ހިމެނޭ މައުލޫމާތު ކަމަށެވެ. އެ ހަބަރު ލިޔުމުގައި، އަސާސެއްކަމަށް ބަލާފައިވަނީ، އެ މައްސަލައިގައި ހިމެނޭ "ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް"ގެ ލޯފާމް "ޗެމްބާސް އިން"ގެ ފަރާތުން ހިއްސާކޮށްފައިވާ ލިޔެކިޔުންތަކަށް ކަމަށެވެ. ކުރީގެ އޭޖީ ޑރ. ހަސަން ސައީދު އިސްކޮށް ހުންނަވާ އެ ލޯފާމްގެ ފަރާތުން، އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަމުގެ ކަށަވަރުކަން އެ ހަބަރު ލިޔުނު އިރު، ލިބިފައިވާ ކަމަށެވެ.

ނަމަވެސް ސިވިލް ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އާޒިމާގެ މައްޗަށް ޕްލެޓިނިއަމް ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިތުރު މައްސަލައެއް ހުށަހެޅިކަން ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށެވެ.

"މައްސަލައިގެ ލިޔެކިޔުންތައް ކަމަށް ބުނެ ދައުރު ނޫހުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއް ނޫނެވެ،" ސިވިލް ކޯޓުން ބުންޏެވެ.

އެ ކޯޓުން ބުނީ، ރައްޔިތުންގެ ކުރިމަތީގައި ކޯޓާ މެދު ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް އަދި ކޯޓުގެ ލިޔުންތައް ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ތައްޔާރުކޮށް ކޯޓުގެ އަގު ވެއްޓޭ ގޮތަށް ދައުރު ނޫހުން އަމަލުކުރުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމުގައި ބަލައި، އެ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.