ޚަބަރު

ރާއްޖެއިން، އިންޑިއާގެ ކިބައިން މައާފަށް ނޭދޭ ސަބަބު ސާފުކުރަން ޒަމީރު މަޖިލީހަށް ހާޒިރުކުރަނީ

މުހައްމަދު އިޝާން

ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް، ކުޑައިމީސްކުރި މައްސަލައިގައި ރާއްޖެއިން، އިންޑިއާ ކިބައިން މައާފަށް ނޭދޭ ސަބަބު ސާފުކުރަން، ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރަން ނޯޓިސް ފޮނުވައިފިއެވެ.

ޒަމީރަށް، ނޯޓިސް ފޮނުވާފައިވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. ނޯޓިސްގައިވާ ގޮތުން މީކާއީލް ވަނީ ޒަމީރުއާ ދެ ސުވާލެއް ކުރަން ނިންމައިފައެވެ.

"ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ނަރެންދްރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ކުޑައިމީސް ކުރުމުންވެސް ސަރުކާރުގެ ފަރާތުން ރަސްމީ ސިފައެއްގައި އިންޑިއާގެ ކިބައިން މައާފަށް އެދިފައިނުވަނީ ކީއްވެތޯ؟ އަދި މިކަމާ ގުޅިގެން އެ ޑެޕިއުޓީ މިނިސްޓަރުން މަގާމުން ވަކިނުކުރަނީ ކީއްވެތޯ؟،" މީކާއީލް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް، ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ފުރައްސާރަކޮށް ކުޑައިމީސް ކުރުމުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އިންޑިއާގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖޭންޓުން ދަނީ އިންޑިއާގެ އެކި ފަރާތްތަކުން ރާއްޖެ އައުމަށް ހަދާފައިވާ ބުކިންތައް ކެންސަލްކުރަމުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

"ރާއްޖޭގެ އިގުތިސޯދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބި, ބޭސްފަރުވާއަށާއި އެހެނިހެން އަސާސީ ބޭނުންތަކަށް އިންޑިއާއަށް ބަރޯސާވާ ދިވެހިންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހި, ރާއްޖެއަށް ޒަމާނުއްސުރެ އެންމެ ގާތް ގުޅުމެއް އޮންނަ އަވައްޓެރި އިންޑިއާއާ މޫނު ކެނޑެން ޖެހިދާނެ ވަރުގެ ހާލަތަކަށް ގައުމު ހިނގައިދާނެ،" މީކާއީލް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ހާރީޖީ ގުޅުންތަކުގެ ކޮމީޓިން، އެ ޑެޕިއުޓީ މިނިސްޓަރުންނާއި ސަރުކާރުގެ ކަމާބެހޭ އެންމެހައި ފަރާތްތައް ހާޒިރުކޮށް، ސަރުކާރުން އެކަމުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެކަން ކަށަވަރުކޮށްދިނުމަށް އެދޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މޯދީއަށް ބަދުބަސް ވިދާޅުވި މައްސަލައިގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރަކު އިއްޔެ ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފު އަދި އަބްދުﷲ މަހުޒޫމް މާޖިދެވެ. އެބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ ގިނަ ބަޔަކު އެ މައްސަލައިގައި ފާޑުކިޔުންތައް އަމާޒުކުރާ ދަނޑިވަޅެއްގައެވެ.