ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ޕްލެޓިނިއަމް ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިތުރު މައްސަލައެއް ހުށަހެޅިކަން ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުރު ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ޕްލެޓިނިއަމް ރިއަލް އެސްޓޭޓުގެ ފަރާތުން އާޒިމާގެ މައްޗަށް ދައުވާކޮށް، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އެފަދަ މައްސަލައެއް އެ ކޯޓުގައި ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ
"މައްސަލައިގެ ލިޔެކިޔުންތައް ކަމަށް ބުނެ ދައުރު ނޫހުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއް ނޫނެވެ،" ސިވިލް ކޯޓުން ބުންޏެވެ.
އެ ކޯޓުން ބުނީ، ރައްޔިތުންގެ ކުރިމަތީގައި ކޯޓާމެދު ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް އަދި ކޯޓުގެ ލިޔުންތައް ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ތައްޔާރުކޮށް ކޯޓުގެ އަގު ވެއްޓޭ ގޮތަށް ދައުރު ނޫހުން އަމަލުކުރުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމުގައި ބަލައި، އެ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.