އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް ހަދާފައިވާ ބުކިންތައް ކެންސަލް ކުރި މިންވަރު ދެނެގަތުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓާޓޯ) އިން ސާވޭއެއް ހަދަން ނިންމައިފިއެވެ.
މަޓާޓޯން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ސާވޭއަކީ އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުމަށް ހަދާފައިވާ ބުކިންތައް ކެންސަލް ކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ ސަބަބުން ކުރާނެ އަސަރު ދެނެގަތުމުގެ ބޭނުމުގައި ހަދާ ސާވޭއެއް ކަމަށެވެ.
ރިސޯޓުތަކާއި ހޮޓާ އަދި ގެސްޓްހައުސްތަކުން ސާވޭގައި ބައިވެރިވެ، އެ މައުލޫމާތު މަޓާޓޯއަށް ފޯރުކޮށް ދިނުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
އިންޑިއާގެ ރައްޔިތުން ރާއްޖެއަށް އަންނަން ހަދާފައިވާ ބުކިންތައް ކެންސަލް ކުރަން ފަށާފައި މިވަނީ އެ ގައުމަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބައެއް ދިވެހިންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބަދުބަސް ބުނެފައިވާތީއެވެ. އެ މައްސަލާގައި އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަދު ވަނީ އިންޑިއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލައި، ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައިފައެވެ.