ސިނަމާލޭ ބްރިޖު ހެދި ޗައިނާގެ ކުންފުނި، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ އިސްވެރިން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.
ސީސީސީސީގެ އިސްވެރިން ރައީސް މުއިއްޒާ ބައްދަލުކުރެއްވީ އެ މަނިކުފާނު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެ މަނިކުފާނު ޗައިނާއަށް ވަޑައިގަތީ މިއަދުއެވެ. ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ އެ ގައުމުގެ ފުޖިއާން ޕްރޮވިންސްގައި ހުންނަ ޝިއަމެން ފްރީ ޓްރޭޑް ޒޯނަށެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުންތައް ބައްވާނެ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އިޖުތިމާއީ ދާއިރާއާއި އިގުތިސާދީ އަދި ޓެކްނޮލޮޖީ ދާއިރާގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ޗައިނާގެ ބައެއް ވިޔަފާރިވެރިންނާވެސް ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.