އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ބަދުބަސް ވިދާޅުވެ، ފާޑުވިދާޅުވި ސަަރުކާރުގެ އޮފިޝަލުން ސަސްޕެންޑުކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސަރުކާރުގެ މަގާމުތަކުގައި ތިބެ، މީސްމީޑިއާގައި އެފަދަ ޕޯސްޓުތައް ކުރެއްވި ބޭފުޅުން މިހާރު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ރައީސް އޮފީހުން އެބޭފުޅުން ސަސްޕެންޑުކޮށްފައިވާކަން ކަށަވަރުކޮށްދިން ނަމަވެސް، ސަސްޕެންޑުކުރި ބޭފުޅުންގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ހިންގަމުންދާ މި ދަނޑިވަޅުގައި ޔޫތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ބަދުބަސް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ މައްސަލަ ހޫނުވެފަައިވާ އިރު، ގިނަ ބަޔަކު ބުނަކުން ދަނީ އެއީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ ބޭފުޅުންގެ ފަރާތުން ފެނުން އެކަށީގެންވާ އަމަލެއް ނޫން ކަމަށެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިންވެސް އެކަން ކުށްވެރިކޮށްފައިވާ އިރު، ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ. އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ އެ އޮފިޝަލުންގެ ހިޔާލަކީ ސަރުކާރުގެ ބަސް ނޫން ކަމަށާއި ކޮންމެ މީހަކަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެކަން ގަބޫލުކުރާ ނަމަވެސް، އެ މިނިވަންކަން އޮންނަން ވާނީ ވަކި ހަމަތަކެއްގެ މަތިން ކަމަށެވެ. އަދި އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.
އިންޑިއާގެ ބައެއް އާންމުން ސޯޝަލް މީޑިއާގައި މޯލްޑިވްސް އައުޓްގެ ނަމުގައިވެސް ދަނީ ކެމްޕޭން ކުރަމުންނެވެ. ލަކްޝަދީބަކީ އިންޑިއާގެ ރައްޔިތުންނަށް ރަނގަޅު މަންޒިލެއްކަން ފާހަގަކޮށް، ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވެއްޖެ ނަމަ، އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށްބުނެ ރާއްޖެ ބޮއިކޮޓް ކުރުމަށްވެސް ދަނީ ގޮވައިލަމުންނެވެ.