ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވެސް އެމްޑީޕީ ދޫކުރައްވައި، ވެރިކަން ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.
ސޯޝަލް މީޑިއާގައި ހަސަންޓޭ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ކުރިއަށްދިއުމަށް ނިންމަވާފައިވާ ކަމަށާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޕީއެންސީއާއެކު ހުންނަވާނެ ކަމަށެވެ.
ހަސަންޓޭ އަކީ އެމްޑީޕީ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، މަގުމަތީގެ ހަރަކާތްތަކުގައި ވެސް އެންމެ އިސް ސަފުން ފެނިވަޑައިގެންނެވި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި މީގެ ކުރިން ފާހަގަކުރެވުނު ނަމަވެސް، ދަ ޑިމޮކްރެޓްސްއާ ގުޅުމުގެ ބަދަލުގައި މިދިޔަ ރިޔާސީ އިންތިހާބުގައި ހަސަންޓޭ މަސައްކަތްކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައެވެ.
ހަސަންޓޭގެ އިތުރުން ވެސް މިދިޔަ މަހުގެ 28ގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ. އެ މެންބަރުންގެ ތެރޭގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ޕީއެންސީއަށް ސޮއިކުރެއްވި މެމްބަރުންނަކީ ގައުމު އިސްކުރެއްވި މެމްބަރުން ކަމަށާއި އެ މެމްބަރުން ގައުމު އިސްކުރައްްވައި، ޕީއެންސީއަށް ސޮއިކުރެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ އިތުރު މެމްބަރުންތަކެއް ތިއްބެވީވެސް އެ މަނިކުފާނާއެކު ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.