ޚަބަރު

މަޖިލީހުގައި ވެސް ކަންކަން ކުރަނީ ގާނޫނާ ހިލާފަށް، އެފަދަ ޕާޓީއަކުން މޭޔަރެއް ގެނައުން ބުއްދިވެރިއެއް ނޫން: ރައީސް

އިދިކޮޅުން ރައްޔިތުންގެ މަޖިލީހުގައި ވެސް ކަންކަން ކުރަނީ ގާނޫނާ ހިލާފަށް ކަމަށާއި އެފަދަ ޕާޓީއަކުން މާލޭގެ މޭޔަރަކަށް ބޭފުޅަކު ހޮވުން ބުއްދިވެރި ނުވާނެ ކަމަށް ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް ދޭއްގައި މިއަދު ހަވީރު ބޭއްވި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރެވޭނީ ނިޒާމުގައި ހުއްޓުމެއް ނުގެނެސް، ހިފެހެއްޓުމެއް ނެތި، ހުރަސް އެޅުމެއް ނެތި ކަންކަން ކުރެވޭނެ ފަދަ ބޭފުޅުން ހޮވައިގެން ކަމަށާއި އިދިކޮޅު ކެންޑިޑޭޓުންގެ އަމަލާއި ބަސް ހުރި ގޮތް މިހާރު ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

"މަޖިލިސް ތެރެއިން ވެސް ކަންކަން ކުރަނީ ޑިމޮކްރަސީއާ ހިލާފަށް، ގާނޫނާ ވެސް ހިލާފަށް. އަދި އެހެނިހެން ކަންކަން ވެސް އެ ގެންދަނީ ރައްޔިތުންގެ ވިންދާ އެއްގޮތަކަށް ނޫން. އެހެން ގެންދާ ޕާޓީތަކެއްގެ ތެރެއިން، އެ ޕާޓީ ލައިނުން އަންނަ ކެންޑިޑޭޓަކަށް ތިބޭފުޅުންގެ ކަންކަން ނިންމުމުގެ ބާރު މިވަގުތު ދެއްވުމަކީ ބުއްދިވެރިކަމަކަށް ނުވާނެ. އޭރުން ވާނެ ގޮތަކީ އެ ޕާޓީ ލައިނުން އައިސްފާނެ ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރަން ބޭނުންވާ ކަންކަން ކުރުމަށް ހިފެހެއްޓުމަށް އަންނަ އެންގުންތައް މޭޔަރުގެ މައްޗަށް. އައިސްފިއްޔާ ދެން އެ އަންނަނީ ހިފެހެއްޓުމެއް، މަޑުޖެހުމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޑުޖެހުމެއް އައުމަކީ ރައްޔިތުން އަދި އެމަނިކުފާނު ވެސް ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށާއި މޭޔަރުކަމަށް އާޒިމާ ހޮވައިފިއްޔާ އެ ހިފެހެއްޓުމެއް ނާންނާނެ ކަމަށެވެ. އަދި އޭރުން ރައްޔިތުންނާ ހަމައަށް އެމަނިކުފާނު ބޭނުންވާ ގޮތް ގޮސް، ރައްޔިތުން ބޭނުންވާ ގޮތް ސީދާ އެމަނިކުފާނާ ހަމައަށް އަންނާނެ ކަމަށް ވިދާޅުވިއެވެ.

"އެގޮތަށް ސާފުކޮށް ނިޒާމު ގާއިމުކުރެވި، މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ބައްޓަންވެގެންދާނެ. އެގޮތަށް އެކަން ނިންމަވައިދެއްވުމަށް މާލޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ މޭޔަރަކު އަދި ސަރުކާރަށް ޔަގީންކަމާއެކު އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ޕީއެންސީގެ ފަރާތުން ކުރިމަތިލާފައިވާ ކަމަށާއި ޕާޓީ ލައިނުން ހުރަސްތަކެއް ކުރިމަތިކުރުވާނެ ނިންމުންތަކެއް އަންނާނެ ކަހަލަ ކެންޑިޑޭޓުންނަކަށް އެ ކެންޑިޑޭޓުން ނުވާނެ ކަމަށެވެ.