އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަޑްވީޕް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ފަށައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ ވަނީ ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕަށް ވަޑައިގެން އެ ތަނުގެ ރީތި ކަމަށް ތައުރީފު ކުރައްވައި ސޯޝަލް މީޑިއާގައި ފޮޓޯތަކެއް އާންމުކުރައްވައިފައެވެ. އެ ފޮޓޯތަކުގެ ތެރޭގައި އެތަނުގައި ސްނޯކަލް ކުރައްވައި ގޮނޑުދޮށުގައި ހިންގަވާ ފޮޓޯތަކެއްވެސް ހިމެނެއެވެ.
އެ ފޮޓޯ ތަކާއެކު މޯޑީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލަކްޝަދީޕަށް ޒިޔާރަތް ކުރުމަށް އިންޑިއާގެ ރައްޔިތުންނަށް ގޮވާލައި، އެތަނުގެ ފަތުރުވެރިކަން ކުރިއަރުވަން ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއެއް އިއުލާން ކުރައްވައިފަ އެވެ.
ލަކްޝަދީޕުގެ ރީތިކަން ޕްރޮމޯޓްކޮށް އެތަނުގައި ފަތުރުވެރިކަން ކުރިއެރުވުމަށް މޯދީ މަސައްކަތް ފެއްޓެވުމަކީ، އިންޑިއާގެ ބައެއް ނޫސްތަކާއި ބައެއް އާންމުން ދެކޭ ގޮތުގައި ރާއްޖެއަށް ދިން ވަރުގަދަ އިންޒާރެކެވެ.
އެއާއެކު އެކްސްގައި ލަކްޝަދީޕް ޕްރޮމޯޓުކުރުމުގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ދަނީ ކުރަމުންނެވެ.
ބައެއް އާންމުން ބުނާ ގޮތުގައި، ރާއްޖޭން އިންޑިއާއާ ދެކޮޅު ކެމްޕެއިނެއް ފަށާފައިވާ ވަގުތެއްގައި ލަކްޝަދީޕަކީ އިންޑިއާގެ ރައްޔިތުންނަށް ރަނގަޅު މަންޒިލެކެވެ. އަދި ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވެއްޖެ ނަމަ، އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރު އިންޑިއާއަކީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމެވެ. އަދި މިދިޔަ އަހަރު އެކަނިވެސް އެ ގައުމުން 190،000 ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އިންޑިއާގައި ކެމްޕޭނެއް ފަށާފައިވާއިރު، 25 މިލިއަން ފަތުރުވެރިންނަށް އަމާޒުކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އިއުލާން ކުރައްވައިފައެވެ.