ރާއްޖޭގެ ޖީޑީޕީ 12 ބިލިއަނަށް އިތުރުކޮށް، އަހަރަކު ފަސް މިލިއަން ޓޫރިސްޓުން ގެންނާން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ދަރަނި ކުޑަ ނުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ދެވަނަ ފޭސް ތަރައްގީކުރުމުގެ މަޝްރޫއު އިފުތިތާހު ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ރާއްޖޭގެ ޖީޑީޕީ 12 ބިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށެވެ. ވީއައިއޭ ތަރައްގީކުރުމާއި، ކާގޯ އިތުރުކޮށް އަދި ތެލުގެ އަގުހެޔޮކޮށް ފަތުރުވެރިން އަންނަ މިންވަރު އިތުރު ކުރުމުން، ޖީޑީޕީ މަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ 12 ބިލިއަން އެމެރިކާ ޑޮލަރުގެ ޖީޑީޕީއެއް އުފައްދަން. ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްގެ ޖީޑީޕީއެއް އުފައްދަން" ސައީދު ވިދާޅުވިއެވެ.
"ހަތަރު މިލިއަން ނުވަތަ ފަސް މިލިއަން ޓުއަރިސްޓުން އަހަރަކު ރާއްޖެ ގެނެވެން ޖެހޭ. އެ ހާލަތު ބަދަލުކޮށްގެން މެނުވީ އަހަރުން އަހަރަށް އަޅުގަނޑުމެން މި އުފައްދާ ޑެފިސިޓް، ދައުލަތުން އުފައްދާ ދަރަނި ހަމަ ދާނީ މައްޗަށް. ޖީޑީޕީއާ އެރައިވަލްއާ އޮތް ގުޅުން 2003 ފެށިގެން 2022 އަށް ގާތްގަނޑަކަށް، ކޯރިލޭޝަން، މިކަމުގެ ފަންނީ ހިސާބު ޖެއްސެވި ޓީމުން އަޅުގަނޑުމެންނަށް 95 ޕަސެންޓް އެކުއެރިސީއެއް އެބަ ގެނެސްދޭ. އެ ހިސާބު ބުނަނީ މި ޑިޒިޝަން ރައީސުލްޖުމްހޫރިއްޔާ ނަންގަވަން ޖެހެޔޭ" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވީއައިއޭން ޖެޓް ފިއުލް ގަންނަން ލިބޭ އަގުބޮޑުވުން ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް އިންޑަސްޓްރީގެ ބޭފުޅުންގެ ޝަކުވާއަކީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ކުރުވުމުގެ ޝަކުވާ ކަމަށެވެ.
ސައީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މި ބިޔަ މަޝްރޫއު ނިމޭއިރު ވީއައިއޭއިން ވިއްކާ ޖެޓު ފިއުލްގެ އަގު ހެޔޮވާނެ ކަމަށެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވެގެންދާނެ ކަމަށެވެ.