ކ. ފުނަދޫގައި މިހާރު ކުރަމުންދާ ތެޔޮ ރައްކާކުރާ މަސައްކަތް އެހެން ތަނަކަށް ބަދަލު ކުރުމަށްފަހު ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމް ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވީއައިއޭ ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވީއައިއޭގެ ފޭސް ދޭއް ތަރައްގީ ކުރުމުގެ ކަންކަން މާސްޓާ ޕްލޭނާ އެއްގޮތަށް ކުރިއަށްދާނީ ސީ ޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށެވެ. އަދި ޑޮމެސްޓިކް ޓާމިނަލުން 2،000 ޕަސެންޖަރުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ޓާމިނަލާއި ޖެޓް ސާވިސް ޓާމިނަލް އަދި ކޯގާ ޓާމިނަލް ހެދުމަށް ބޭނުންވާ ޖާގަ ހުޅުލެއިން ހިއްކަން ޖެހޭނެ ކަމަށެވެ. ސީ ޕްލޭން ޓާމިނަލް ބަދަލުކުރުމާއި ބިން ހިއްކުމާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ ފުނަދޫ އޮއިލް ސްޓޯރޭޓް އެހެން ތަނަކަށް ބަދަލުކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ފުނަދޫ މިހާރު ބޭނުން ކުރަމުންދަނީ ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ތެޔޮ ރައްކާކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް 18 މަސް ދުވަހާއި 24 މަސް ދުވަހުގެ ތެރޭގައި ފުނަދޫގެ އޮއިލް ސްޓޯރޭޓް އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށެވެ.
"އަދި އެ ފުނަދޫ އާއި މާލެއާ، ފުނަދޫ އާއި ހުޅެލެއާ، ގުޅުވާލެވިފައިވާ ބުރިޖެއް ގާއިމުކުރެވި އަދި ހުޅުލެއިން، ހުޅުމާލެ، ސީޕްލޭން ޓާމިނަލަށް، ހުޅުލެއިން ސީ ޕްލޭން ޓާމިނަލަށް ވަށާޖެހޭ ގޮތަށް ބުރިޖު އެޅި، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ހާއްސަކޮށް މޮނޮރެއިލް ސިސްޓަމެއް ދެންމެގަ ފެނިގެން ދިޔަ ކަހަލަ ގާއިމުކުރެވި ފަސޭހަކަމާއެކީގައި ޕަސަންޖަރުން، ކަސްޓަމަރުން، މުވައްޒަފުން ދަތުރުކުރެވޭފަދަ ނިޒާމެއް ގާއިމްކުރުން" ރައީސް ވިދާޅުވިއެވެ.
ފުނަދޫ އިންޓަނޭޝަނަލް ފައިނޭންޝިއަލް ހަބެއްގެ ގޮތުގައި ތަރައްގީކުރުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުނަދޫގައި ތަރައްގީކުރާ އެއާޕޯޓް އިކޮނޮމިކް ޒޯނުން އަންނަ ފަސިންޖަރުންނަށް ޓްރާންސިޓް ހޮޓެލްތަކާއި ޝޮޕިން ސެންޓަރުތަކާއި ކޮންވެންޝަން ސެންޓަރަކާއި އެންޓަޓެއިންމަންޓް ކޮމްޕްލެކްސް އަދި ކެއިން ބުއިމާއި ދަތުރުވެރިން ވަރުބަލި ފިލުވާލަން މަޑުކޮށްލާނެ ޖާގަތަކާ އެކުގައި ތަރައްގީކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ފުނަދޫ ފައިނޭންޝަލް ސެންޓަރަކަށް ބަދަލު ކުރުން އެއާޕޯޓުގެ ތަރައްގީއަށް ވެސް މުހިންމު ކަމަށެވެ.
"އެ ތަނަކީ [ފުނަދޫއަކީ] އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާއަކަށް ހެދުމަކީ އެކަމަށް ފުރުސަތު ހުޅުވާލެވި، އެގޮތަށް ފުނަދޫ، އެ ލޮކޭޝަން ޑިވެލޮޕް ކުރުމަކީ އަޅުގަނޑުމެންގެ ދެންމެ ފެނިގެންދިޔަ ތަސައްވުރުގައި ހިމެނޭ ގޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއުގެ ގިނަ ކަންކަމަކީ އެއް ފަހަރާ ފެށޭނެ ކަންކަން ކަމަށާއި އެ މަސައްކަތްތަކަށް އިންވެސްޓަރުން ހޯދުމާއި އެކި ކަހަލަ ލުއި ފައިނޭޝަލް ފެސިލިޓީތައް ފަހި ކުރުމަށް ކުރަން ޖެހޭ ކަންކަމަކީ މިހާރުން ފެށިގެން ފަށަން ނިންމާފައިވާ ކަންކަން ކަމަށެވެ.
"އުންމީދު ކުރަނީ މި އަންނަ އާދިއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ ކަމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީ އެސްޓަބަލިޝް ކުރަން. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާތައް ރާއްޖޭގައި ގާއިމު ކުރުމަށް މަގު މިވަގުތަށް ފަހި ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ފެށިފައިވާ ކަމަށާއި އެމްއެމްއޭ އާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ލިބި، އެކަމަށްޓަކައި ފާސްކުރަން ޖެހޭ ގާނޫނު ފާސްކުރެވުމުން، އެކަމަށް އިތުރު ފުރިހަމަ ކަމަށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.