ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިތާދޫ ކައުންސިލް މެންބަރުންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހިތާދޫގެ މިހާރުގެ ހާލަތާއި، ހިތާދޫ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިކަމަށެވެ. މިގޮތުން، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހިތާދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރެވިފައި ނެތުންކަން ފާހަގަކުރައްވައި މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި، ރަށުގެ ބަނދަރު މަރާމާތުކުރުމާއި، ކުނި މެނޭޖްކުރުމާއި، ވަޒީފާގެ ފުރުސަތު ފަހިކުރުމާ ބެހޭގޮތުން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. މިގޮތުން ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.