އިބްރާހިމް ޒަކީ
އެއްގަމު އުޅަނދުގައި ހާއްސަ ރަޖިސްޓަރީ ނަމްބަރެއް ނުވަތަ ނަމެއް (ޑޮމެއިން) ދޫކުރުން ހުއްޓާލާފައި އޮތް އޮތުން ނިނުމަކަށް ގެނެސް، ރަނގަޅު ބިޑް އުސޫލެއްގެ ތެރެއިން ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ޑޮމެއިން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އުސޫލުން ބޭރުން ގަވާއިދާ ހިލާފަށް ޑޮމެއިން ތަކެއް ވިއްކައިގެން ކޮރަޕްޝަން ހިނގާ ކަމަށް ކުރެވުނު ތުމަތުތަކަކާ ގުޅިގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުން އަންގައިގެން ޑޮމެއިންއާ ގުޅުން ހުރި މުއާމަލާތްތައް ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ ހުއްޓާލައިފައެވެ.
ނަމަވެސް މިހާރު އޮތް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން މިއަދު ވިދާޅުވީ އެމަނިކުފާނު މިނިސްޓްރީއާ ހަވާލުވެ ވަޑައިގެންނެވި އިރުވެސް 200 ވަރަކަށް ފަރާތުން ޑޮމެއިން ނަންބަރަކަށް އެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބައެއް ޑޮމެއިން ނަމްބަރުތަކުގެ ވެރިފަރާތްތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ވެރިފިކޭޝަން ޕްރޮސެސްއެއްގެ ތެރެއިން، ސައްހަ ގޮތުގައި ޑޮމެއިން ނަންގާފައި ތިބި، ޑޮމެއިންގެ ހައްގުވެރިންނަށް އެ އެއްޗެހި ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މާލެ އާއި މާލެ ސަރައްހައްދުން ބޭރުވެގެން އުޅޭ ޑޮމެއިންތަކެއް ހިމެނޭ ކަމަށާއި އެތަކެއްޗަކީ ސައްހަ، ނުވަތަ މިނިސްޓްރީގެ ނިޒާމުގެ ތެރެއިން ބޭރުވެފައިވާ ތަކެތިތޯ ބަލަން ޖެހޭ ކަމަށެވެ. މިހާރު ކުރިއަށްދާ އެ މިނިސްޓްރީގެ އޮޑިޓުން އެކަން ސާފުވާނެ ކަމަށާއި އެކަން ހައްލު ކުރުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ އުސޫލުން ބޭރުން މިނިސްޓްރީގެ ތެރެއިން ބަޔަކަށް ޑޮމެއިން ދޫކޮށްފައިވީ ނަމަވެސް، އެ ޑޮމެއިން ކެންސަލް ކޮށް ނުވަތަ އެ ޑޮމެއިން އޮތް މީހެއްގެ އަތުން، އަތުލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ބޭނުން ވަނީ އެކަން މިނިސްޓްރީ ތެރޭގައި އޮންނަ ސައްހަ ނިޒާމަކަށް ފެއްތުން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޑޮމެއިންގެ ހިދުމަތަކީ ހުއްޓާލާފައި ބާއްވަން ޖެހޭ ހިދުމަތެއް ނޫން ކަމަށެވެ. ސަމާނަށް ފެތޭ ގޮތަށް ތަފާތު ކޮންސެޕްޓްތަކުގައި ހިދުމަތް ދޭންވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ޑޮމެއިން ބޭނުންވާ ކޮންމެ މީހަކަށްވެސް އެ މީހަކު ބޭނުންވާ ކޮންސެޕްޓަކަށް، ޒަމާނަށް ފެތޭގޮތަށް ޑޮމެއިން ވިއްކަން ހުޅުވާލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރަނގަޅު ބިޑިން އުސޫލެއްގެ ދަށުން ވަރަށް އަވަހަށް އެކަން އިއުލާން ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.