ޚަބަރު

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

ފާތިމަތު ލިޔުޝާ

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެންބިއުލަންސްގެ ހިދުމަތް ފަށައިފިއެވެ.

ސީ އެމްބިއުލާންސްގެ ހިދުމަތް ލޯންޗްކުރަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ބައިވެރިވެވަޑައިގަތެވެ.

ސީ އެންބިއުލާންސް ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އަބްދުﷲ ހަލީލްއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުއް ރައްޒާގު ހަލީމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަރުމަވަންތަ ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހަލީމް ވިދާޅުވީ، މިއަދު ފެށި ސީ އެންބިއުލާންސް ހިދުމަތުގެ އެންމެ ބޮޑު ބޭނުމަކީ ހާލު ބޮޑު ބަލި މީހުން ފަސޭހަކަމާ އެކު ދަރުމަންތަ ހޮސްޕިޓަލަށް ގެންދެވޭނެ އަވަސް ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ މި ހިދުމަތް އަވަހަށް ފެށީ ވިލިމާލެއިން ހިދުމަތް ހޯދާ މީހުންނަށް ފަސޭހަ ކުރުމަށް ކަމަށެވެ. މާލެ އާއި ވިލިމާލެ ބްރިޖް ނިމުމުގެ ކުރިން މި ހިދުމަތް ފެށުމަކީ ބަލި މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށެވެ.

"ނަސީބު ކަންދިމާކުރި ގޮތުން ރާއްޖޭގެ މިހާރު ސީ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ލޯންޗުތަކަށް ވުރެން ވެސް ރަނގަޅު، ބޮޑު، ހިދުމަތްތައް ވެސް ފުޅާ ލޯންޗެއް މި ލިބިގެން ދިޔައީ،" ހަލީލް ވިދާޅުވިއެވެ.

ސީ އެންބިއުލެންސްގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވިލިމާލެ ހޮސްޕިޓަލް އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެލުމުގެ ދަށުން 24 ގަޑިއިރުގެ ހިދުމަތް ލިބޭ ގޮތަށެވެ.

ސީ އެންބިއުލެންސްގެ ހިދުމަތް ފެށި އިރު، ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ހަދަން ސަރުކާރުން ވަނީ ނިންމައިފައެވެ. މިދިޔަ މަހު ސަރުކާރުން އެކަން އިއުލާނުކޮށްފައިވާ އިރު، އެ ހޮސްޕިޓަލަށް ބޭނުންވާ ފަންޑު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.