ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑަށް މެންބަރުން ހޯދަން އިއުލާންކޮށްފިއެވެ.
ޔޫތް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ދިވެހި ގައުމު ބިނާކުރުމާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި ފިކުރާއި އުންމީދުތަކާއި ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް" ގެ ނަމުގައި ބޯޑެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެހެންކަމުން ބޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ އަށްވަނަ ދުވަހުގެ 14:00 ގެ ކުރިން ޔޫތް މިނިސްޓްރީއަށް ފޯމު އޮންލައިންކޮށް ހުށަހަޅަންވާނެ ކަމަށެވެ.
ރައީސް މުއިއްޒު، ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު އުފެއްދެވުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ.