ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ހަތަރު މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި ހުކުމަކީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީ އިން އާޒިމާ ނަންގަވާފައިވާ ތިން މިލިއަން ރުފިޔާގެ ލޯނެއް، އެއްބަސްވެފައިވާ ގޮތަށް އަދާކުރަމުން ނުދާ ކަމަށް ބުނެ، އެމްއައިބީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ކުރި ހުކުމެކެވެ. މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ހުކުމް ކުރީ އާޒިމާގެ ގައިރު ހާޒިރުގައެވެ.
މި ދައުވާގައި ބުނެފައި ވަނީ، ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީ އިން އާޒިމާއަށް ތިން މިލިއަން ރުފިޔާގެ ލޯނެއް ދީފައިވާ ކަމަށާއި ނަމަވެސް އެ ލޯނަށް ގަވާއިދުން ފައިސާ ދައްކަމުން ގޮސްފައި ނުވާތީ، މިއަދުގެ ނިޔަލަށް ހަތަރު މިލިއަން ރުފިޔާ އެ ބޭންކަށް އާޒިމާ ދައްކަންޖެހޭކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންވެ، އެ ފައިސާ ކުރިއަށް އޮތް ހަ މަސް ތެރޭ މަހުން މަހަށް ދައްކައި ނިންމުމަށް އާޒިމާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ދައްކާ ނިމެންދެން ރަހުނު ކޮށްފައިވާ ފްލެޓް އިސްލާމިކް ބޭންކުގައި ރަހުނެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށްވެސް ހުކުމުގައިވެއެވެ.
އާޒިމާގެ މައްޗަށް މި ހުކުމް ކުރިއިރު މާލޭ ސިޓީ މޭޔަރުގެ އިންތިހާބު މި މަހު 13 ގައި ބާއްވަން ވަނީ ނިންމައިފައެވެ.