ޚަބަރު

ރާއްޖޭގެ ޒަކާތު ހައުސް ރައީސް އިފުތިތާހު ކޮށްދެއްވައިފި

އައިޝަތު އަފްޝަން

ދިވެހިރާއްޖޭގެ ޒަކާތު ހައުސް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިފުތިތާހު ކޮށްދެއްވައިފިއެވެ.

ރާއްޖޭގެ ޒަކާތު ހައުސް ރައީސް މުއިއްޒު އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.

ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ވެސް ޒަކާތު ހައުސްއެއް އުފައްދަން ހިމަނާފައިވާ އިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ރާއްޖޭގެ ޒަކާތު ހައުސް އެ މަނިކުފާނު އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަން ނިންމާފައިވާ ރާއްޖޭގެ ޒަކާތު ހައުސްއަކީ ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑް ތަރައްގީ ކުރުމުގެ ބޭނުމުގައި އުފެއްދި އިދާރާއެކެވެ.

ޒަކާތު ހައުސް އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ހަފުލާގައި އެ އިދާރާގެ ލޯގޯއާއި ކުލަވެސް ވަނީ ދައްކާލައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޒަކާތު ހައުސް އުފެއްދެވުމުން ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައި، ޒަކާތު ހައުސް ގާއިމުކުރައްވަން ރައީސް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައިފައެވެ.