ގައުމެއްގެ ތަރައްގީގެ ބިންގަލަކީ ރައްޔިތުންނާއި ވެރިންގެ ދެމެދު އޮންނަ ބަދަހި ގުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ތަރައްގީ ފެށިގެން އަންނަންވާނީ ތިރިން މައްޗަށް ކަމަށާއި ތަރައްގީގެ ވިސްނުން އުފަންވާން ވާނީ ރައްޔިތުންގެ ސިކުނޑިތަކުގައި ކަމަށެވެ. އަދި ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ވެރިން މާތް ﷲ އަށް ބިރުވެތިވެ، ތެދުވެރިކަމާއި ވަފަތެރިކަމާއެކު ޒިންމާތައް ފުރިހަމައަށް އަދާކުރުމަކީ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.
"ގައުމެއް ތަރައްގީވުމުގައިވެސް ދެ ފަރާތެއްގެ މި ދެންނެވި ބަދަހި ގުޅުން ހިމެނިގެންވޭ އެއީ ރައްޔިތުންނާއި ވެރީން، ވެރީން ރައްޔިތުންނަށް ރަހުމުހުރި ބަޔަކަށްވުން. ވައުދަށް ކަމޭހިތުން. ރައްޔިތުން ވެރީންނަށް ކިޔަމަންވުން. އެއްބާރުލުން ދިނުން. ގައުމެއްގެ ތަރައްގީގެ ބިންގަލަކީ އަދި ކުރިބޯއްޓަކީ ވެސް މިއީ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ނިމިދިޔަ ހަފުތާތަކާއި މި އަހަރުގެ ފުރަތަމަ ހަފުތާތަކަކީ ތަރައްގީގެ ވަރަށް ހާއްސަ މޫސުމެއް ކަމަށާއި މިއީ ސަރުކާރުގެ 14 ހަފުތާގެ ވައުދުތައް ފުއްދަމުންދާ ދުވަސްތައް ކަމަށެވެ. އަދި ތަރައްގީއަށް ވިސްނުންތެރިކަމާއި ހަމަޖެހުމުގެ އިތުރުން ތެދުވެރިކަމާއި އިހުލަސްތެރިކަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.