ޚަބަރު

ހުތުބާ ކިޔުމުގެ ހުއްދަ ނަގަން 100 ޒުވާނުން ކުރިމަތިލައިފި

ފާތިމަތު ލިޔުޝާ

ހުތުބާ ކިޔުމުގެ ހުއްދަ ނަގަން 100 ޒުވާނުން ކުރިމަތިލާފައިވާ ކަމަށާއި އަންނަ ހަފުތާގައި އެ ޒުވާނުންގެ އިންޓަވިއު ކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމީ ހުސްވި ޑިސެމްބަރު މަހުއެވެ.

ޝަހީމު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަމަށް ކުރިމަތިލި ޒުވާނުންގެ އިންޓަވިއު އަންނަ ހަފުތާގައި ފަށައި، ފިގުހީ ތަމްރީނުތަކެއް ދޭނެ ކަމަށެވެ. އެއަށްފަހު އެ ޒުވާނުން މިންވަރުތަކުން ފެނިގެންދާނެ ކަމަށާއި ރޯދަ މަހުގެ ކުރިން އެ ހުރިހާ ކަމެއް ނިމޭނެ ކަމަށް ވިދާޅުވިއެވެ.

ޝަހީމު ހިއްސާކުރައްވާފައިވާ ތަފުސީލަށް ބަލާއިރު، އިމާމުކަމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ޒުވާނުންނާ އިންޓަވިއު ކުރަން ހަމަޖެހިފައިވަނީ މާލޭގައި ނަމަ އެ މިނިސްޓްރީއަށް ހާޒިރުކޮށްގެން އަދި ރަށެއްގައި ނަމަ އޮންލައިންކޮށެވެ. އިންޓަވިއު މަރުހަލާއަށްފަހު

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އެ ޒުވާނަކަށް ދޭނެއެވެ.

އެއަށްފަހު ހުއްދަ ދޭ ޒުވާނުންނަށް ހާއްސަ ތަމްރީނެއް ދޭނެއެވެ. އެ ތަމްރީނު ކުރިއަށްދާނީ އަތޮޅުގައި އުޅޭ ޒުވާނުންނަށް އަތޮޅުގައި މާލެ ސަރަހައްދުގައި އުޅޭ ޒުވާނުންނަށް މާލޭގައެވެ. އެ ތަމްރީނުގައި މޮސްކް މެނޭޖްމަންޓާއި ހުތުބާ ކިޔުމުގެ ފަންނާއި ޖަނާޒާގެ ކަންކަމާއި އިމާމުގެ އަހުލާގާއި މިސްކިތުގެ ދައުރާއި ނަމާދުގެ ފިގުހު ކިޔަވައިދޭނެ އެވެ. އެއްވެސް އިމްތިހާނެއް ނޯންނާނެއެވެ.