ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި އެންމެ ގިނަ މީހުން ފަރުވާ ހޯދީ ހިތުގެ ބަލިތަކަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މެޑިކަލް ޗެކަޕް ހިދުމަތް އާސަންދައިގެ ދަށުން ލިބޭގޮތް ހެދުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެޑިކަލް ޗެކަޕްގެ ހިދުމަތް ފެށުމަށް ކުރި ދިރާސާއާއި ބޭނުންކުރި ތަފާސްހިސާބުތައް ހިއްސާކުރައްވަމުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ ޗެކަޕްގެ ތެރޭގައި ހިމެނޭ ޓެސްޓުތަކަކީ ވޭތުވެ ދިޔަ ތިން އަހަރު ދިވެހިން އެންމެ ގިނައިން ފަރުވާ ހޯދާފައިވާ ދާއިރާތަކަށް ބަލައި ހިމަނާފައިވާ ޓެސްޓުތަކެއް ކަމަށެވެ.
ޒީނިޔާ ވިދާޅުވީ މެޑިކަލް ޗެކަޕް ހިދުމަތުގެ ދަށުން ހަދާ ޓެސްޓުތަކަކީ މިފަދަ ބަލިތައް ދެނެގަނެވޭނެ ޓެސްތުތަކެއް ކަމަށެވެ. އެގޮތުން އެ ހިދުމަތުގެ ދަށުން ހަދާނީ ލޭގެ ޓެސްޓުތަކަކާއި ކުޑަކަމުދާ ނިޒާމުގެ ޓެސްޓުތަކަކާއި ބޮޑުކަމުދާ ތަކެތީގެ ޓެސްޓުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މެޑިކަލް ޗެކަޕްގެ ޓެސްޓުތައް ހަދާނީ ޕެކޭޖުތަކަކަށް ބަހާލައިގެން ކަމަށާއި އެ ޕެކޭޖުތައް ހަދާފައި ހުންނާނީ އުމުރުފުރާތަކަށް ބަހާލައިގެން ކަމަށެވެ.
މިއަދު މެޑިކަލް ޗެކަޕްގެ ހިދުމަތް ފަށާފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް އަދި 19 އަހަރުން ދަށުގެ ކުދިންނަށް އަންނަ އޭޕްރީލް މަހު އެ ހިދުމަތް ފަށާ އިރު، 19 އަހަރާއި އުމުރުން 34 އަހަރާ ދެމެދުގެ މީހުންނަށް އެ ހިދުމަތް ފަށާނީ އަންނަ ޖުލައި މަހުއެވެ.