އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދަން ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގޮތަށް ދިވެހިންނަށް ކޮންމެ އަހަރަކު ދެ ފަހަރު އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށުން އިއުލާން ކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންސްޕާގެ ސީއޯއޯ ހީނާ ވަލީދު ވިދާޅުވީ، އެ ސިޔާސަތު ތަންފީޒު ކުރަން ފަށާނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން، އަހަރުގެ އެކި ތާރީހުތަކުގައި އެ އުމުރުފުރާތަކަށް ކަމަށެވެ.
އެގޮތުން މިއަދު އެ ހިދުމަތް ފަށާފައި ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ.
ހީނާ ވިދާޅުވީ ހިދުމަތް ފެށިގެން ކުރިއަށްދާ ވަރަކަށް ހިދުމަތް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ބަލަމުން ގެންދާނެ ކަމަށެވެ. އަދި ބަދަލެއް ގެންނަންޖެހޭ ނަމަ އެ ބަދަލެއް ގެންނާނެ ކަމަށް ވިދާޅުވިއެވެ.
މެޑިކަލް ޗެކަޕްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށާއި އެ ހިދުމަތް ހޯދަން ރަށްރަށުގެ ސިއްހީ މަރުކަރުތަކާއި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލުތަކުގައި ނަން ނޯޓު ކުރެވޭނެ ކަމަށް އާސަންދައިން ބުންޏެވެ. ނަން ނޯޓު ކުރުމުން ޗެކަޕް ހަދަންޖެހޭ ދުވަސް ހޮސްޕިޓަލުން އަންގާނެ ކަމަށާއި އެ ދުވަހަކަށް ހޮސްޕިޓަލަށް ދިއުމުން އެ ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވީ މެޑިކަލް ޗެކަޕް ހަދާނީ ޕެކޭޖުތަކަކަށް ބަހާލައިގެން ކަމަށާއި އެ ޕެކޭޖުތައް ހަދާފައި ހުންނާނީ އުމުރުފުރާތަކަށް ބަހާލައިގެން ކަމަށެވެ. އަދި މެޑިކަލް ޗެކަޕްގައި ހިމެނެނީ ލޭ، ކުޑަކަމުދާ ތަކެތި، ބޮޑުކަމުދާ ތަކެތީގެ ޓެސްޓުތައް އަދި އީސީޖީ ކަމަށާއި އެ ޗެކަޕްގައި އެކްސްރޭ ނުހިމެނޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އައިޖީއެމްއެޗް - 7226614 (ހޮސޕްިޓަލު ކައުންޓަރުންވެސް އެޕޮއިންޓްމެންޓް ހެދޭނެ)
ވިލިމާލޭ ހޮސްޕިޓަލް - 3038520
ހިޔާގެ 16 ވަނަ ޓަވަރުގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލުގެ ޖީޕީ ކްލިނިކް - 1417
ރަށްރަށުގެ ހެލްތް ސެންޓަރުތަކުންނާއި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލުތަކުން ހިދުމަތަށް އެދި އެޕޮއިންޓްމެންޓް ހެއްދޭނެ