މަގުމަތީގެ އެކްސިޑެންޓް

އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މަރިޔަމް ޝަހުދާ

އައްޑޫ ސިޓީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ އައްޑު ސިޓީގެ ލިންކް ރޯޑުގައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހިނގި މި ހާދިސާގައި މަރުވެފައި ވަނީ ފިރިހެނެކެވެ. މިކަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޕީއާރު، އަލީ މޫސާ ވަނީ "ވަން އޮންލައިން" އަށް ކަށަވަރުކޮށްދީފައެވެ.

އަލީ ވިދާޅުވި ގޮތުގައި އެކްސިޑެންޓުވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އަންހެނަކާއި ފިރިހެނަކު މިއަދު މެންދުރު 2:30 ހާއިރު ވަނީ ގެންގޮސްފައެވެ. މި ދެމީހުންގެ ތެރެއިން ފިރިހެންމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށް އެ މީހާ ބެލި ޑޮކްޓަރާ ހަވާލާދީ އަލީ މައުލޫމާތު ދިނެވެ. އަދި އަންހެން މީހާގެ ހާލު ރަނގަޅުކަމަށް ވެސް އަލީ މައުލޫމާތު ދިނެވެ.

ފުހުލުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ސިޓީ ލިންކް ރޯޑުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި، އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހުމަށްފަހު، ކާރު ކޮންޓުރޯލް ނުވެގެން ލިންކު ރޯޑުން ދެކުނަށް ދުއްވާފައިދިޔަ އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. މިއެކްސިޑެންޓުގައި މަރުވެފައި ވަނީ އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލު ދުއްވަން އިން 35 އަހަރުގެ މީހާއެވެ.