ޚަބަރު

މޫސުން ގޯސްވެ ވީއައިއޭގެ 8 ފްލައިޓް ޑިލޭވެ 3 ފްލައިޓް ކެންސަލް

އައިޝަތު އަފްޝަން

މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސަން އައި ގިނަ ފްލައިޓުތަކެއް ޑިލޭވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެކަމާ ގުޅިގެން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު "ވަން" އަށް މިއަދު ވިދާޅުވީ ފްލައިޓްތައް ޑިލޭވަމުން ދަނީ މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވިސިބިލިޓީ ދަށްވުމުން ކަމަށެވެ. އެގޮތުން މިހާތަނަށް އަށް ފްލައިޓު ޑިލޭ ވެފައިވާ ކަމަށާއި ތިން ފްލައިޓް ކެންސަލްވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ބައެއް ފްލައިޓުތައް ޑައިވާޓް ކުރަމުން އެބަދޭ، މޫސުން ގޯސްވެ ވިޒިބިލިޓީ ދަށްވީމަ އެއީ. މިއަދު ހެނދު 10:00 އާއި މެންދުރު 12:00 އާ ދޭތެރޭގައި ވާރޭ ތުނިކޮށްލީމަ ފްލައިޓުތައް އޮޕަރޭޓް ކުރި،" ޝައްމާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަދު ފުރަން އޮތް ބައެއް ފްލަޓުތައް ޑިލޭވުމުގެ ސަބަބުން އެއާޕޯޓުގައި ތާށިވެފައި ތިބި މީހުންނަށް ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށާއި އަދި ރާއްޖެ އައި ބައެއް ފަތުރުވެރިންނަށް އެ މީހުން ދާން އައި މަންޒިލަށް ނުދެވި، އެއާޕޯޓުގައި ތާށިވެފައި އެބަ ތިބި ކަމަށެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އާންމުކޮށް ކޮންމެ އަހަރަކު ވެސް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކުރާ ވިއްސާރަ ކަމަށެވެ.

މި ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހުވެސް ކުރާނެ ކަމަށް ލަފާކުރެވޭއިރު، މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ މި ހަފުތާ ބަންދުގައި ކަމަށްވެސް ވިދާޅުވިއެވެ.