ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ކެރީގެ އަސަރުކޮށް ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ބައްދަލުވާ ދުވަސްވަރުކަމުން ކުރަމުންދާ ވިއްސާރަ ކަމަށެވެ.
މި ވިއްސާރަ ކުރިއަށް އޮތް ދުވަހުވެސް ކުރާނެ ކަމަށް ލަފާ ކުރެވޭއިރު، މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާ ބަންދުގައި ކަމަށްވެސް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ލ، ހދ، ހއ، އަދި ށ. އަތޮޅަށް ކަމަށެވެ. އަދި ހުޅުލެއަށް މިއަދު ހެނދުނު 8:00 އިން 11:00 އަށް 75 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވިދާޅުވިއެވެ.