ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކޮށް، ކުރިން ގާނޫނު އަސާސީގައި އޮތްގޮތަށް އެ މާއްދާ ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފިއެވެ.
ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލީހުން ފާސްކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.
ބޭރު މީހުންނަށް ބިން މިލްކުކުރެވޭ އިސްލާހު ބާތިލުކުރަން މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ. މި އެޕްރީލު މަހުގެ 15 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާއިން އެބިލު ފާސްކުރީ 64 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައެވެ.
މި ބިލު ތަސްދީގު ކުރެއްވުމާއެކު، ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ.
އަދި ހަމަ އެ މާއްދާގެ (ށ) ދިވެހި ރާއްޖޭގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަށް ކަމަށްވެސް އެ އިސްލާހާއެކު ކަނޑައެޅިގެން ދާނެއެވެ.