ތިލަމާލެ ބުރިޖުގެ މަޝްރޫއު އަވަސްކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވި ކޮޕް28 ވަނަ ސަމިޓުގެ ހަވާސާގެ ތެރެއިން މޯދީއާ ބައްދަލުކުރައްވައި ވަނީ ބުރިޖުގެ ޓެކްނިކަލް ކަންކަމުގެ މަޝްވަރާކުރުމަށް، މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލެވިއްޖެނަމަ ބުރިޖުގެ މަސައްކަތް އަވަސްވާނެ ކަމަށް ދަންނަވާފައި ކަމަށެވެ.
"ސައިޑްލައިންގައި ބޮޑުވަޒީރާ ބައްދަލުވި ބައްދަލުވުމުގައި ރަސްމީކޮށް ދެންނެވިން، ބުރިޖު މަޝްރޫއު އަވަސްކުރަން ބޭނުންވެއޭ. ދެ ގައުމަށް ވެސް އެންމެ ފައިދާވާނީ އެ ގޮތޭ،" ރައީސް ވިދާޅުވިއެވެ.
ބުރިޖުގެ މަސައްކަތް މިހާރު ޕްލޭން ކޮށްފައިވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅަށް ނުވަތަ 2027 ވަނަ އަހަރުގެ ކުރީކޮޅަށް ނިންމާ ގޮތަށް ކަމަށެވެ. އެ މުއްދަތަކީ ބުރިޖުގެ މަސައްކަތަށް ބަލާއިރު މާ ދިގު މުއްދަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ބުރިޖުގެ މަސައްކަތް 2025 ވަނަ އަހަރުގެ ކުރީކޮޅަށް ނިންމާލެވުނު ނަމަވެސް އެއީ "ބޮޑުވަރު" ކަމަށެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. ބުރިޖުގެ މަސައްކަތާ ގުޅޭގޮތުން އެ ކުންފުނިން ދީފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދެއެވެ. ތިލަމާލެ ބުރިޖުގެ މަސައްކަތް އަވަސް ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.