ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބާ ގުޅޭ ހުރިހާ ކަމެއް، މިވަގުތަށް މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން އަންގައިފިއެވެ.
ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ތެރޭގައި ތިބި ކްލަބުތަކުގެ އިސް ފަރާތްތައްވެސް ދާދިފަހުން މަގާމުތައް ދޫކޮށްލާފައިވާ އިރު، ބައްސާމަށް ވަނީ ރައީސްކަން ގެއްލިފައެވެ. އެއީ ނުވަ މެމްބަރުންގެ އެކްސްކޯއަކުން ފަސް މެމްބަރުން އިސްތިއުފާ ދިނުމުން، ކޯރަމް ގެއްލުމުންނެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސް އެފްއޭއެމްގެ އިންތިހާބާ ގުޅޭ ލިޔުންތައް ހޯދުމަށް އެދިފައިވީ ނަމަވެސް، އެކަން، ތާރީހަށް ފުރިހަމަ ކޮށްފައިނުވާ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސްއިން ވަނީ ބުނެފައެވެ. ކޮމިޝަނާ އޮފް ސްޕޯޓްސްއިން ނެރުނު ބަޔާނެއްގައި އިތުރަށް ބުނީ އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު 15 ޑިސެމްބަރުގައި އިސްތިއުފާ ދިން އިރު، އަނެއް ދެ މެމްބަރުން ވަނީ 16 ޑިސެމްބަރުގައި އިންތިއުފާ ދީފައި ކަމަށެވެ. އެހެން ނަމަވެސް، އެ ސިޓީ ބަލައިގެންފައި ވަނީ 24 ޑިސެމްބަރު ގައެވެ.
އޭގެ އިތުރުން 24 ނޮވެމްބަރުގައި ހުސްވި، ޖެނެރަލް ސެކްރެޓަރީގެ މަގާމަށްވެސް ގަވާއިދުން ބޭފުޅަކު އައްޔަން ކޮށްފައި ނުވާތީ އާއި ހިންގާ ކޮމިޓީގެ ކޯރަމްވެސް ގެއްލިފައިވާތީ އެ އިދާރާ މިވަގުތު ހިނގަމުންދަނީ ގަވާއިދާ ހިލާފަށް ކަމަށް ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން އޭއެފްސީއާއި ފީފާ އަދި އޮލިމްޕިކް ކޮމިޓީ އެކުވެ، ވަކި އެއްޗެއް ނިންމަންދެން އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ހުއްޓާލަން ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްއިން އަންގައިފައެވެ.