ރާއްޖޭގެ ގިނަ ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓާއި އައިސް ފޯރުކޮށްދޭ ފެނަކަ ކުންފުނި އޮތީ އޮޕަރޭޝަނަށްވެސް ބުރޫ އަރާ ހާލަތުގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ، މަގާމާ ހަވާލުވި އިރު، ކުންފުނީގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ކުންފުނިން ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާއިރު، ހާލަތު ދަަށަށް ދާން މެދުވެރިވި ސަބަބުތައް ރަނގަޅު ކުރަން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފެނަކައިގެ ދަރަނީގެ ޖުމުލަ އަދަދަކީ 4.16 ބިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން ލޯނުގެ ގޮތުގައި 871 މިލިއަން ރުފިޔާ ދައްކަންޖެހިފައިވާ އިރު، އެހެން ފަރާތްތަކަށް ޕޭޔަބަލްސްގެ ގޮތުގައި ދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާ އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ފެނަކައަށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވާކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ، 2018 ވަނަ އަހަރު ނިމުނުއިރު ކުންފުނީގައި 2،700 މުވައްޒަފުން ތިބި ނަމަވެސް، އޭނާ މަގާމާ ހަވާލުވި އިރު، ކުންފުނީގައި 8،100 މުވައްޒަފުން އެބަ ތިބި ކަމަށެވެ.
އަދި މީގެ ކުރީގައި މުވައްޒަފުންގެ މުސާރައަށް 20 މިލިއަން ރުފިޔާ ހޭދަކުރި އިރު، މިހާރު މުވައްޒަފުންގެ މުސާރައަށް އެވްރެޖްކޮށް 74 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭކަން އޭނާ ފާހަގަކުރެވި އެވެ.
"މީޑިއާތަކުން އަޑު އިވިފައި އޮންނާނެ ކޮންޓްރެކްޓް ސްޓާފުންގެ ކޮންޓްރެކްޓްތައް އާނުކޮށް ދޫކޮށްލި ވާހަކަ. އަޅުގަނޑުމެނަށް މަޖުބޫރު އެ ސްޓާފުންގެ ކޮންޓްރެކްޓް އާނުކޮށް ދޫކޮށްލަން. އެ މަޖުބޫރުވާ ސަބަބުތަކަކީ އެ ޕްރޮޖެކްޓްތަކަކީ އެކަށީގެންވާ ގޮތަށް ހިންގަމުންދާ ޕްރޮޖެކްޓްތަކަށް ނުވާތީ އެއީ އެކަންތައް. އަނެއް ކަމަކީ ޕޭރޯލް މަދުކުރުން ކޮންމެހެންވެސް މަޖުބޫރު. ޕޭރޯލް މަދުނުކޮށް ކުންފުނި ސަވައިވްއެއް ނުކުރެވޭނެ. އެހެންވީމަ ޕޭރޯލް ކުޑަކުރަން އަޅުގަނޑުމެނަށް މަޖުބޫރު،" މުއާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕޭރޯލް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުން މިހާތަނަށް ފަސް މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.